އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް ފުއާދު ތައުފީގު އައްޔަންކޮށްފިއެވެ.

ފުއާދުއަކީ ކުރިންވެސް އެކޮމިޝަންގެ ރައީސްކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

އިލެކްޝަންސް ކިމޮޝަނުން ބުނީ، އީސީގެ ރައީސްކަމުގެ މަގާމަށް ފުއާދު އައްޔަންކޮށްފައިވަނީ ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުންކަމަށެވެ.

އީސީގެ ރައީސްކަމަށް ފުއާދު އައްޔަން ކުރެއްވީ، އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ. ޝަރީފް މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ.

އިލެކްޝަންސް ކޮމިޝަނަށް ރައީސަކު އައްޔަން މިކުރެއްވީ އެ ކޮމިޝަންގައި ހިމެނެން ޖެހޭ މެމްބަރުންގެ ގާނޫނީ އަދަދު ހަމަވުމުންނެވެ. ގާނޫނީ އަދަދު ހަމަވީ އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް ހ. އިރުވައި، މުހައްމަދު އާސިފް އައްޔަން ކުރެއްވުމުންނެވެ. އޭނަ މެމްބަރުކަމުގެ މަގަމަށް އައްޔަންކުރެއްވީ މިމަހުގެ 6 ވަނަ ދުވަހުގައެވެ.