މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން ކޮންގްރެސްގެ ޒައީމް ކަމަށް އެޕާޓީގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ކުރިމަތިލައްވައިފިއެވެ.

ޖުމްލަ 12 މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއާރްއެމްއިން ހުޅުވާލާފައިވާއިރު، އެ ޕާޓީގެ ޒައީމްގެ މަގާމަށް ކުރިމަތިލެއްވިކަން ރައީސް މައުމޫން ހާމަކުރައްވާފައިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މީގެއިތުރުން، އެމްއާރއެމްއިން ވަނީ ޕާޓީގެ ރައީސް ކަމާއި ނާއިބު ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

ނައިބު ރައީސް ކަމަށް އިންތިހާބުކުރަން ނިންމާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ.

އަދި އެގްޒެކެޓިވް ކޮމިޓީ އާއި ޒުވާނުންގެ ކައުންސިލާއި އަންހެނުންގެ ކައުންސިލަށް ރައީސުންނާއި ނައިބު ރައީސުންނާއި މެންބަރުންނާއި، އިންތިހާބު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި އިސްތިއުނާފު ކޮމިޓީއަށް 15 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

އެމްއާރްއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.

މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މާދަމާގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެމްއާރްއެމްއަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. ޕާޓީގެ ހިންގުމާ މިހާރުވެސް ހަވާލުވެ ހުންނެވީ އެމަނިކުފާނެވެ.