އިމަޖެންސީ އެހީގެގޮތުގައި އެތައް މިލިއަން ޑޮލަރެއްދޭން ވައުދުވުމުން، ތާލިބާން ސަރުކާރުން ދުނިޔެއަށް ޝުކުރު އަދާކޮށްފިއެވެ.

އަފްޣާނިސްތާނަށް އެހީވުމާ ގުޅޭގޮތުން ބޭއްވި ޖެނީވާގައި ހޯމަދުވަހުވަނީ ބައިނަލްއަގްވާމީ ކޮންފަރެންސެއް ބާއްވާފައެވެ.

މި ކޮންފަރެންސްގައި، ބައިރިވި ގައުމުތަކުންވަނީ، އަފްޣާނިސްތާނަށް ހިލޭ އެހީގެގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވައުދުވެފައެވެ.

މިކަމާ ގުޅިގެން، ކާބުލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަގީވަނީ ދުނިޔެއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ގައުމުތަކުގެ މިފަދަ އެހީތެރިކަން ލިބޭނޭކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އާމިރު ޚާން މުއްތަގީ ވިދާޅުވީ، އިމަޖެންސީ އެހީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުން ހޭދަކުރާނީ ވަރަށް ވިސްނުންތެރިކަމާ އެކުގައި ކަމަށާއި، އެ ފައިސާ ހޭދަކުރެވޭނީ އަފްޣާނިސްތާނު ފަގީރު ހާލަތުން އަރައިގަތުމަށް ކަމަށެވެ.

އަފްޣާނިސްތާނަކީ ކުރިންވެސް ބޭރުން ލިބޭ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ.

އަފްޣާނިސްތާގައި އޮތް ވެރިކަން ވައްޓާލައި ތާލިބާން ޖަމާއަތުން ވަގުތީ ސަރުކާރެއް ގާއިމްކޮށްފައި ވާއިރު، އެގައުމުގެ އިގްތިސާދުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭނޭ ފައިސާވެސް ނެތިގެން އުޅޭއިރު، ތަކެތީގެ އަގުތައްވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ތާލިބާން ސަރުކާރުން މިހާރު ގެންދަނީ ބޭންކްތަކަށް ވަދެ، ކުރީގެ ސަރުކާރުގެ އޮފިޝަލުންގެ ބޭންކް އެކައުންޓުތައް ހޯދައި، ބަލައި ފާސްކުރަމުންނެވެ.

ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަގީވަނީ، ތާލިބާން ސަރުކާރު ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

ޕްރެސް ކޮންފަރެންސް މުއްތަގީވަނީ، އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އޮމާންކަމާއެކު އަފްޣާނިސްތާނުގައި ފައިބައިގެން ދިއުމަށާއި، އަދި އެމެރިކާއިން އަފްޣާނިސްތާނުން ގެންދަން ބޭނުންވި 120،000 މީހުން ބޭރު ކުރުމުގެ ފުރުސަތު ތާލިބާނުން ދީފައިވާތީ، އެކަން ބަލައިގަތުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ.

ތާލިބާން ސަރުކާރާއި އަދި އަފްޣާނިސްތާނާމެދު އެމެރިކާއިން ގެންގުޅޭ ވިސްނުންތައް ބަދަލުކުރުމަށް އޭނާވަނީ ގޮވާލައްވާފައެވެ.

"އެމެރިކާއަކީ ބޮޑު ގައުމެއް. އެމީހުންގެ އޮންނަންވާނެ ބޮޑު ހިތެއް"
އާމިރު ޚާން މުއްތަގީ