ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯދަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ)ގެ ކޮމިޝަން ފޮރ ސައުތު އޭޝިއާ(ސީ.އެސް.އޭ)ގެ ރިޔާސަތަށް ދިވެހިރާއްޖެ ދެވަނަ ދައުރަކަށް ހޮވިއްޖެއެވެ.

ސީ.އެސް.އޭގެ 58 ވަނަ ބައްދަލުވުން ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސްޓެޒުއަޓަރީ އޯރގަންސް އަދި ސަބްސިޑަރީ ބޮޑީސްއަށް ވަނީ ގައުމުތައް ހޮވާފައެވެ.

އެގޮތުން ދެވަނަ ދައުރަކަށް ރާއްޖެ އިންތިހާބުކޮށް، ވައިސް ޗެއަރގެ މަގާމަށް ބަންގްލަދޭޝް އަދި އީރާން އައްޔަންކޮށްފައިވެއެވެ.

އަދި ޖެނެރަލް އެސެމްބްލީގެ ވައިސް ޕްރެޒިޑެންޓްގެ މަގާމަށް އިންޑިއާ އަދި ކްރެޑެންޝިއަލްސް ކޮމިޓީއަށް ބޫޓާން ހޮވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ސައުތު އޭޝިއާއަށް ކަނޑައަޅުއްވާފައިވާ އެގްޒެކެޓިވް ކައުންސިލްގެ 2 ގޮނޑިއަށް އީރާން އަދި އިންޑިއާ ހޮވާފައިވެއެވެ.

މީގެއިތުރުން، މި ބައްދަލުވުމުގައި ސައުތު އޭޝިއާގެ 7 ގައުމަކުން 25 ބައިވެރިން ވަނީ ބައިވެރިވެފައެވެ.