މިހާރު ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުސަތުތައް ކުރިޔަށްވުރެ ފުޅާވެގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމާ، އިލެކްޝަންސް ކޮމިޝަނުގެ ކުރިޔަށްއޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙް ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަށްވަމުންއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވީދާޅުވީ، ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާ އަޣަލަބިއްޔަތަށް ތަބާވުމުގެ މުހިންމު ކަމަށެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު އދގެ 76 ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ހަވާލުވެވަޑައި ގެންފައިވާކަން ފާހަގަކުރައްވައި މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ބޮޑެތި ޤައުމުތަކުގެ ކުރިމަތީގައި ވެސް ރާއްޖެއަކީ މުހިންމު ޤައުމެއްކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ބޭނުމަކީ ރައްޔިތުން ބާރުވެރި ކުރުވުން ކަމަށާއި މިއަދު ވެރިކަން ހިނގަމުންދަނީ ރައްޔިތުން އެދޭގޮތަށް ކަމަށެވެ.

ކުރާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ ބަސް އެހުމަކީ ހަނދާނުގައި ބަހައްޓަންޖެހޭ ކަމެއް ކަމަށާއި ބޮޑު އެތި ކުޑައެތި ކާލާ ދުވަސްތައް މާޒީވެ ގޮސްފައިވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި ވެސް ހަމަހަމަ އުސޫލުތައް، ހަމަހަމަކަން ގެންގުޅުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އަޣުލަބިއްޔަތަށް ތަބާވުމަކީ އެއީ ހިތާއި ރޫހުން އެކަމެއް ބަލައިގަންނަންޖެހޭނެ ކަމެއް"
ނައިބްރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ

ހަމަ އެއާއެކު އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ދުވަހެއް ދުވަހަކަށް އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގެއްލިގެން ގޮސްފައިވާތަން އަނބުރާ ހޯދުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ހަފުލާގައި އެ ކޮމިޝަނުގެ 2021 އިން 2025 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.