އުނަގަނޑުގައި ވަރަށް ބޮޑަށް މައްސަލަ ހުންނާތީ ޝަރީއަތުގެ މަޖިލީހުގައި ގިނަ އިރު ހުންނެވުމަށް ދަތިފުޅުވާ ކަމަށް ރައީސް ޔާމީން ވިދާޅުވެޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ، ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 13:30 އިން 15:00 އަށެވެ.

އަދި ސެޕްޓެމްބަރު 20 ވަނަ ދުވަހު ހެނދުނު 9:00 އިން 12:00 އަށް، ސެޕްޓެމްބަރު 23 އަދި 27 ވަނަ ދުވަހު ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު 13:30 އިން 15:00 އަށްވެސް މައްސަލަ ތާވަލް ކޮށްފައި ވެއެވެ.

މިކަމާހެދި، މިއަދުގެ އަޑުއެހުން ފެށުމާއެކު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ މީހެއް ކަމަށެވެ.

ތެދުތެދަށް ދަންނަވަންޏާ ވަރަށް ދަތިވޭ ކޮންޓިނިއުސްލީ ދެ ގަޑިއިރު ގޮނޑިއެއްގަ އިންނަންވެސް
ރައީސް ޔާމީން ވިދާޅުވިއެވެ

ޝަރީއަތްތައް ތާވަލުކޮށްފައިވަނީ ހެނދުނުން ފެށިގެން މެންދުރުގެ ވަގުތުތަކާ އެކުކަން ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އުނަގަނޑުގެ ހާލަތަށް ރިއާޔަތް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުތަކާ ގުޅިގެން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ، ޝަރީއަތުން އެކަމަށް ރިއާޔަތްކޮށް ދިގު އަޑުއެހުންތައް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދާ އަޑުއެހުމުގައިވެސް ކުރިއަށްދަނީ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ 22 ނުކުތާގެ ތެރެއިން ބާކީ ހުށަނޭޅިހުރި ނުކުތާތައް ހުށަހެޅުމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައެވެ.

ރައީސް ޔާމީން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާއިރު އިތުރު ޝަރީއަތްތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.