2017 ވަނަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނު ހުނަރުވެރި އެކްޓްރެސް ޢާއިޝަތު ރިޝްމީ ރަމީޒަށް އަނެއްކާވެސް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެއެވެ.

މިފަހަރު ރިޝްމީއަށް ލިބިފައިވަނީ ’ފިފްތު ޑޮކްޓަރ ސަރޯޖިނީ ނައިޑޫ، ދަ ނައިޓިންގޭލް އޮފް އިންޑިއާ، އިންޓަނޭޝަނަލް އެވޯޑް ފޯރ ވޯރކިންގ ވިމެން‘ (5th Dr. Sarojini Naidu, The nightingale of India, International Award for working women) އެވޯޑެވެ.

މި އެވޯރޑް ރިޝްމީއާ ޙަވާލުކުރުން އޮތީ މިމަހުގެ 14 އިން 16 އަށް ވާރޗުއަލްކޮށް ކުރިއަށް ގެންދިޔަ "ސެވަންތް ގްލޯބަލް ލިޓްރަރީ ފެސްޓިވަލް" ގައެވެ.

މިއީ "ފިފްތް ޑރ. ސަރޯޖިނީ ނައިޑޫ ދަ ނައިޓިންގޭލް އޮފް އިންޑިއާ، އިންޓަރނޭޝަނަލް އެވޯޑް ފޯރ ވޯރކިން ވިމެން" ހަފްލާގެ ތެރެއިން ކުރިއަށްދިޔަ ފެސްޓިވަލެކެވެ.

ވީނިއުސްއާ ވާހަކަަ ދައްކަމުން ރިޝްމީ ބުނީ، މުޅި ދުނިޔެއިން 7000 މީހުން ކުރިމަތިލައި އޭގެތެރެއިން 100 މީހުން ހޮވިގެން ދިޔައިރު އޭގެތެރޭގައި ރިޝްމީ ހިމެނި މިއެވޯޑް ލިބިގެން ދިއުމަކީ ލިބުނު ބޮޑު ފަޚުރެއް ކަމަށަށެވެ.

އަދި މިކަން ފަހިކޮށްދިނުމުގައި އެމްއެސްޕީއޭއިން އަދާކުރި ރޯލަށްޓަކައި ޝުކުރުވެރިވާ ކަމަށާއި ވަކިން ޚާއްޞަކޮށް އެސޮސައިޓީގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާބެ) މި ފުރުޞަތު ފަހިކޮށްދިނީތީ ޝުކުރުވެރިވާ ކަމަށެވެ.

މީގެ އިތުރުން ރިޝްމީގެ ފިރިމީހާ، އެކްޓަރ ޑައިރެކްޓަރ ރަވީ ފާރޫޤުގެ ފަރާތުން ކެނޑިނޭޅި ލިބެމުން އަންނަ އެއްބާރުލުންވެސް ޝުކުރުވެރި ކަމާއިއެކު ފާހަގަކޮށް ރިޝްމީ ވަނީ އޭނަގެ އިންސްތަގްރާމްގައި މިވާހަކަ ހިއްސާކޮށްފައެވެ.

ރިޝްމީއަށް މި އެވޯޑް ލިބިފައިވަނީ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) މެދުވެރިވެގެން ކަމަށް އެ ސޮސައިޓީން މަޢުލޫމާތު ދެއެވެ.

މިއީ އިންޓަނޭޝަނަލް ޗެމްބަރ އޮފް މީޑިއާ އަދި އެންޓަޓެއިންމެންޓް އިންޑަސްޓްރީގެ އިތުރުން އިންޓަނޭޝަނަލް ވިމެންސް ފިލްމު ފޯރަމްއިން ދީފައިވާ އެވޯޑެކެވެ.

މިކަމާއި ގުޅިގެން ވީނިއުސްއިން އެމްއެސްޕީގެ ޗެއާރމަން މުޙައްމަދު ރަޝީދު (ދަރާ) އަށް ގުޅުމުން ވިދާޅުވީ، އެމްއެސްޕީއަށް ލިބުނީ ރާއްޖޭގެ ވޯރކިން ވިމެންގެ ގޮތުގައި ފާހަގަކުރެވޭ މީހެއްގެ ނަން ފޮނުވަން ކަމަށެވެ. އެގޮތުން އެގްޒެޓިވް ބޯޑުން ރިޝްމީގެ ނަން ފޮނުވަން ހުށަހެޅީ ކަމަށެވެ.

"އެމްއެސްޕީއަށް ލިބުނީ ރާއްޖޭގެ ވޯރކިން ވިމެންގެ ގޮތުގަ ފާހަގަކުރެވޭ މީހެއްގެ ނަން ފޮނުވަން. ދެން އެމްއެސްޕީއޭގެ އެކްޒެކްޓިވް ބޯޑުން ފާސްކުރީ ރިޝްމީގެ ނަން ފޮނުވަން.“
އެމްއެސްޕީގެ ޗެއަރމަން : މުޙައްމަދު ރަޝީދު

ރަޝީދު ވިދާާޅުވީ ކޮވިޑްގެ ހާލަތާއި ގުޅިގެން މިހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށް ކަމަށެވެ.

އެހެންނަމަވެސް ފިލްމީ ދާއިރާގެ މީހަކަށް ލިބެން އޮތް މިފަދަ ފުރުޞަތެއް ގެއްލުވައިލަން ބޭނުންނުވާތީ ފުރުސަތުގެ ބޭނުން ހިފައި، ކަމަށް އެންމެ ޤާބިލު ފަރާތެއްގެ ނަން ހުށަހެޅީ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މިފަދަ ފުރުސަތުތައް އެމްއެސްޕީއަށް މަދުން ނަމަވެސް ލިބެމުންދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަދަ ފުރުސަތުތައް ހުރީ ހަމައެކަނި ފިލްމީ ފަންނާނުންނަށް އެކަނި ނޫންކަމަށާއި މުނިފޫހިފިލުވުމުގެ ދާއިރާއާއި ގުޅުން ހުރި އެހެން ފަންނުވެރިންނަށްވެސް މިއީ އޮތް ފުރުސަތެއް ކަމަށެވެ.

އެމްއެސްޕީއަކީ ކުރިއަށް އޮތްތާނގައި ލިބޭ މިފަދަ ފުރުސަތުތައް ދެން ލިބޭނީ އެ އެސޯސިއޭޝަންގެ ރެޖިސްޓަރޑް މެމްބަރުންނަށް ކަމަށް ރަޝީދު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އެވޯރޑެއް ފިލްމީ ދާޢިރާއިން ރިޝްމީއަށް ލިބިފައިވާތީ ވީނިއުސްގެ ޓީމުން ރިޝްމީގެ އުފަލުގައި ބައިވެރިވެ މަރުޙަބާ ކިޔަމެވެ.