ފާރޯ އައިލެންޑްސްއިން އަނެއްކާވެސް ގިނަ އަދަދެއްގެ ކޯމަސް ކަތިލި މައްސަލަ ވަރަށް ހޫނުވެއްޖެއެވެ.
މިއީ، އެރަށުގެ މީހުން ޒަމާނުއްސުރެ ފާހަގަކުރާ އާދަކާދައެއްގެ ގޮތުން ކުރި ކަމެކެވެ.
މިފަހަރު ވެގެން ގޮސްފައިވަނީ، މި އާދަކާދައިގެ ދަށުން އެއްދުވަހެއްގައި މިހާ ގިނަ ކޯމަސް ހިފައި ކަތިލި ފުރަތަމަ ފަހަރަށެވެ. މިފަހަރު ކަތިލީ ޖުމްލަ 1،428 ކޯމެހެވެ.
މިފަހަރު ކަތިލާފައިވަނީ ބަނޑުދަށާއި، އަރިމަތީގައި ހުދު ފަލަ ރޮނގެއް ހުންނަ ބާވަތުގެ ކޯމަސްތަކެވެ. އެރަށުގެ މީހުން މީގެކުރިން އާންމުކޮށް ހިފައި ކަތިލަނީ ބޮޑުމަސް ނަމަވެސް މިފަހަރު ކަތިލާފައިވަނީ ކޯމަހެވެ.
ފާރޯ އައިލެންޑްސްގެ އަތިރިމަތީގައި ކޯމަސްތަކުގެ ކަނދުރާމަތިން ބުރިކޮށްލާފައިވާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
އަދި އެއާއެކު، އެތައްބައެއްގެ ނުރުހުމާއި ދެކޮޅުވެރިކަން ފާރޯ އައިލެންޑްސްގެ ސަރުކާރަށް އަމާޒުވަމުން އެބަދެއެވެ.
ފަރޯ އައިލެންޑްސްއަކީ ޑެންމާކްގެ ދަށުގައި އޮންނަ ޒާތީ ވެރިކަމެއްކުރާ އުތުރު އެޓްލާންޓިކް ކަނޑުގެ ޓެރިޓަރީއެކެވެ.
ފާރޯ އައިލެންޑްގައި 18 ރަށް ހިމެނޭއިރު، އާބާދީއަކީ 50،000 އެވެ. ފާރޯ އައިލެންޑްސްގެ ހުރިހާ ރަށެއް ހުންނަނީ މަގުތަކާއި، ޓަނަލްތަކާއި، ފެރީއާއި، ކޯޒްވޭއާއި ބްރިޖްތަކުން ގުޅާލާފައެވެ.
ފާރޯ އައިލެންޑްސްގެ މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.
ނަމަވެސް، އަހަރަކު އެއްފަހަރު ބޮޑުމަސް ނުވަތަ "ވޭލްސް" ހިފައި މަރައިގެން އޭގެ މަސް ކައި، ވިއްކައި ހެދުމަކީ އެރަށުގެ މީހުން އާންމުކޮށް ކޮށްއުޅޭ ކަމެކެވެ.
މުޅި ދުނިޔޭގެ ނުރުހުން އަމާޒުވިޔަސް، ކާބަފައިންގެ ފަރާތުން އައިސްފައިވާ އެ އާދަކާދަ ދޫކޮށްލާކަށް އެރަށުގެ މީހުން ބޭނުމެއް ނުވެއެވެ.
ބޮޑުމަހުގެ ބަދަލުގައި މިފަހަރު ކޯމަސް ހިފައި ކަތިލި މައްސަލާގައި އެތައް ބައެއްގެ ދެކޮޅުވެރިކަން އަމާޒުވާން ފެށުމުން، ފާރޯ އައިލެންޑްސްގެ ފިޝަރީޒް މިނިސްޓަރ ޖެކޮބް ވެސްޓަރގާޑް ވިދާޅުވީ، މަސްވެރިން ކޯމަސްތައް ހިފާފައިވަނީ "ފޮތުގައި އޮންނަ ގޮތުގެމަތިން" ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާނުވެސް ވިދާޅުވީ، ވޭލް ޝިކާރަކުރުމުގެ ކަންކަން ނުދަންނަ ބަޔަކަށް މަންޒަރުތައް ބޮޑުކަމަކަށް ވެދާނެ ކަމަށާއި، ފާރޯ އައިލެންޑްސްއިން އެކަން ކުރަނީ ވަރަށް ރަނގަޅަށް ރާވައިގެން، އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އެހެން ނަމަވެސް، ވޭލްސްއާއި ކޯމަސްފަދަ ކަނޑުގެ މިފަދަ ދިރުންތައް ހިމާޔަތްކުރުމަށް ފާރޯ އައިލެންޑްސްގައި ހަރަކާތްތެރިވާ "ސީ ޝެޕަރޑް ކޮންޒަވޭޝަން ސޮސައިޓީ" ވަނީ ކޯމަސްތައް ކަތިލި މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
އެ ޖަމްއިއްޔާއިން މިކަން ސިފަކޮށްފައިވަނީ "ރަހުމްކުޑަ އާދަކާދައެއް" ގެ ގޮތުގައެވެ.
ފާރޯ އައިލެންޑްސްގެ ނޫސްވެރިއެއް ކަމަށްވާ ހަލޫރް އަވް ރާނާ ބުނީ، އެ ރަށުގެ އާބާދީގެ %53 މީހުން ކޯމަސް ހިފައި މެރުމާ ދެކޮޅު ކަމަށެވެ. އެހެން ނަމަވެސް، އެ އާދަކާދަ ހުއްޓާލަން ކަމާބެހޭ ފަރާތްތަކުގެ ވިސްނުމެއް ނެތްކަމަށެވެ.
އިންޓަރނޭޝަނަލް އެނިމަލް ރައިޓްސް ގްރޫޕުން ބުނެފައިވަނީ، ފާރޯ އައިލެންޑްސްގެ އެތެރެއިން ޕްރެޝަރ ބޮޑުވެ، މި އާދަކާދަ ހުއްޓުމަކަށް އައުމަކީ އުންމީދުކުރާ ކަމެއް ކަމަށެވެ.
ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުންވެސް ތަކުރާރުކޮށް ގެންދަނީ މި އަނިޔާވެރި އަމަލު ހުއްޓާލުމަށް ފާރޯ އައިލެންޑަށް ގޮވާލަމުންނެވެ.