އައިސިސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރުކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކުރާ ދައުވާތައް ބާތިލްކުރުމާ ގުޅިގެން، އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، ހައި ކޯޓުން އަމީންގެ މައްސަލައިގައި ނިންމާފައިވާ ގޮތާއިމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމައްސަލަ އިސްތިއުނާފްކުރަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ (ފ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭތީ އާއި، އެ ގާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާތީ އާއި، ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލިދާނެތީ ކަމަށެވެ.

ހައިކޯޓުން ވަނީ އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރުމަށް ހުކުމްކޮށްފައެވެ.

ހައިކޯޓުން އެގޮތަށް ހުކުމްކުރީ އަމީންގެ ފަރާތުން ކްރިމިނަލް ކޯޓަށް ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އިސްތިއުނާފު ކުރުމުންނެވެ.

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުންދާއިރު، ދައުލަތުން ދަނީ ހެކިބަސް ނެގުމަށް ތައްޔާރު ވަމުންނެވެ.

އަމީން ހައްޔަރު ކޮށްފައިވަނީ މީގެ 2 އަހަރުކުރިންނެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގައި އަމީންގެ ބަންދު މުރާޖައާކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސް ފަރުވާ އޭނާއަށް ލިބެން ނެތް މަށް ބުނެ ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމިއެވެ.

ނަމަވެސް އެހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ އަމީން ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އެއަމުރު ބާތިލްކޮށްފައެވެ.

އަދި މައްސަލައިގެ ޝަރީއަތް ނިމެންދެން ނުވަތަ ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފައި ވެއެވެ.