ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަހްލީލު ކުރުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލުކޮށްދެއްވުމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ގޮވާލައްވައިފިއެވެ.

ޕީޕީއެމް އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އޯޑިއޯތައް ތަހުލީލު ކުރުމަށް އަމިއްލަ ފަރާތަކަށް ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ފަނޑިޔާރުންގެ މި އޯޑިއޯ ތަކަކީ ކިހާ ސައްހަ އޯޑިއޯތަކެއްކަން ކަމާބެހޭ ހުރިހާ ފަރާތްތަކުން ބަލަންޖެހޭ ކަމަށާއި ދިވެހިރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކަށާއި އިދާރާތަކަށް މިއޯޑިއޯތަކުގެ ސައްހަކަން ބަލައިދިނުމަށް ކޯލިޝަނުން އެދިފައިވާނެ ކަމަށެވެ.

ޕީޖިއޮފީހުގެ ބައްދަލުވުމުގައި މިއޯޑިއޯތަކާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރިން . މިއޯޑިއޯތަކުގެ ސައްހަކަން ބެލުމަށް އަމިއްލަ ފަރާތަކަށް ދީގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް އިންތިހާ ކަންބޮޑުވުން އެބައޮތް. އެމަނިކުފާނު ވިދާޅުވީ ދެން ތިޔަ ބޭފުޅުން ބޭނުންވާ ގޮތަކީ ކޮބައިތޯއޭ؟ ދެންނެވިން އަޅުގަނޑުމެން ބޭނުންވަނީ ބައިނަލްއަގްވާމީ ފޮރެންސިކް ތަހްލީލު ކުރާ އިދާރާއަކާ ހަވާލުކޮށްގެން އަޅުގަނޑު މެންނަށްވެސް އެނގޭ ގޮތަށް ކުރާ ތަހުލީލެއް ނޫނީ ގަބޫލެއް ނުކުރާނެކަމަށް ދެންނެވިން."
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު

ފަނޑިޔާރުންގެ އޯޑިއޯ ތަހްލީލުކުރެވެމުންދާއިރު ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މަޑުޖައްސަން ޖެހޭ ކަމަށާއި މުޅި ދިވެހި ރައްޔިތުން މިއީ އިންސާފުވެރިކޮށް ހިނގާ ކަމެއްނޫންކަން ގަބޫލު ކުރާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ދިގުލައިގެންގޮސް، އެއް އަހަރު ދުވަސްވެ ރާއީސް ޔާމީންގެ ހައްގުތައް ގެއްލެވުމުންދަތީ ކޯލިޝަނުން ހައިކޯޓަށް ދިއުމުން ހައިކޯޓުން ބައްދަލު ނުކުރީ ޖޭއެސްސީން އަންގައިގެން ކަން އެނގުނު ކަމަށްވެސް ޝުޖާއު ވަނީ މި ޖަލްސާގައި ވިދާޅުވެފައެވެ.