ގިނަ ބަޔަކު ބަލާލުމަށް އިންތިޒާރު ކުރަމުން އަންނަ ހިންދީ ފިލްމް "ޝިއްދަތު" ޑިޒްނީ ޕްލަސް ހޮޓްސްޓާއިން އަންނަ މަހުގެ އެއްވަނަ ދުވަހު ޕްރިމިއާ ކުރަން ނިންމައިފިއެވެ.

ކުނާލް ދޭޝްމުކް ޑައިރެކްޓް ކޮށްފައިވާ ލޯބީގެ މި ފިލްމުން ރާދިކާ މަންދަން، ސަނީ ކޯއުޝަލް، ޑަޔާނާ ޕެންޓީ، މޯހިތު ރައިނާ ފެނިގެން ދާނެއެވެ.

ބޫޝަން ކުމާރާއި ދިނޭޝް ވިޖަން ޕްރޮޑިއުސް ކުރާ މި ފިލްމްގެ ރަސްމީކޮށް އިއުލާން ކޮށްފައިވަނީ 2019 އަހަރުގެ މެއި މަހުގައެވެ. ފިލްމްގެ ޝޫޓިންގތައް ފަށާފައިވަނީ 2019 ނޮވެމްބަރުގައެވެ. ފިލްމްގެ ޕްރޮޑިއުސަރުން ފިލްމް ރިލީޒްކުރުމަށް 2020 ސެޕްޓެމްބަރގައި ނިންމާފައި އޮތް ނަމަވެސް ކޮވިޑްގެ ޙާލަތާއި ގުޅިގެން ފިލްމްގެ މަސައްކަތްތަކަށް ބުރޫ އަރައި ފިލްމް ރިލީޒް ކުރުން މަޑު ޖައްސާލީކަމަށް ފިލްގެ ޕްރޮޑިއުސަރުން ވަނީ ކުރިން އިންޑިޔާގެ މީޑިއާއަށް ދިން އިންޓަރވިޔުއެއްގައި ބުނެފައެވެ.

މިހާރު ފިލްމް ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ އިރު ފިލްމްގެ ޝޫޓިންތައް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އޮތީ އެއްކޮށް ނިމިފައިކަމަށްވެސް ޕްރޮޑިއުސަރުންނަށް ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

"ޝިއްދަތު" ރިލީޒްކުރަން ތައްޔާރުވަމުން އަންނައިރު، އެ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން މިހާރު ވަނީ ޕޯސްޓަރުތަކެއްވެސް އާންމުކޮށްފައެވެ.

ފިލްމުގެ ޓްރެއިލާވެސް މި މަހުގެ 13 ވަނަ ދުވަހު ވަނީ ރިލީޒްކޮށްފައެވެ.

ޑްރާމާ ސީރީޒް "މެރީ އާޝިގީ ތުމްސޭ ހޭ" އިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތް ރާދިކާ ވަނީ މިހާތަނަށް ބައެއް ވެބް ސީރީޒްތަކާއި ފިލްމްތަކުން ފެނިގެން ގޮސްފައިއެވެ. އެގޮތުން "ޕަޓާކާ" "މަރްދޯކާ ދަރްދު ނެހީ ހޯތާ" އަދި "އަނގްރޭޒީ މީޑިއަމް" އަކީ ރާދިކާގެ ކުޅަދާނަ އެކްޓިން ފެނިގެންދާ ރީތި ފިލްމްތަކެކެވެ.

"ޖަންނަތް" އާއި "ތުމް މިލޭ" ފަދަ ހިތްގައިމު މަޝްހޫރު ފިލްމުތައް ކުރިން ކުނާލް ގެނެސްދީފައިވާ އިރު ބެލުންތެރިން އުންމީދު ކުރަނީ "ޝިއްދަތު"އަކީވެސް މިފަދަ ފިލްމަކަށް ވާނެ ކަމަށެވެ.