އަލްޖީރިއާގެ (އަލްޖަޒާއިރު) ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލިކާ އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ.
ވިއްސަކަށް އަހަރުވަންދެން އަލްޖީރިއާގައި ވެރިކަން ކުރެއްވުމަށްފަހު އަބްދުލްއަޒީޒް ބޫތަފްލިކާ އިސްތިއުފާ ދެއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އޭނާ އިސްތިއުފާ ދެއްވީ، ވެރިކަމާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފެށުމުން، އަސްކަރީން ކުރިމަތިކުރި ޕްރެޝަރުގެ ސަބަބުންނެވެ.
ރައްޔިތުން މަގުތަކަށް ނުކުތީ، ވެރިކަމުގެ 5 ވަނަ ދައުރަކަށް ވާދަކުރެއްވުމަށް ނިންމެވުމުންނެވެ.
ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ އާންމުންގެ ތެރެއަށް ނުކުމެވަޑައި ނުގަންނަވައެވެ. ދިރިއުޅުއްވަމުން ގެންދެވީ، ވެރިރަށް އަލްޖިއާރސްގެ ހުޅަނގުގެ ހިސާބެއްގައި ހުންނަ ގެކޮޅެއްގައެވެ.
އަބްދުލްއަޒީޒް ބޫތަފްލިކާ އަލްޖީރިއާގެ ރައީސްކަމަށް ވަޑައިގެންނެވީ 1999 ވަނަ އަހަރުއެވެ.
އޭނާ ވެރިކަމަށް ވަޑައިގެންނެވީ އަލްޖީރިއާގައި ހިނއިދިޔަ އެތައް އަހަރެއްވީ ދާޚިލީ ހަނގުރާމައަށްފަހުއެވެ. އެ ހަނގުރާމައިގައި 200،000 މީހުން މަރުވެދިޔައެވެ.
އަބްދުލްއަޒީޒް ބޫތަފްލިކާގެ ވެރިކަމުގެ ކުރީކޮޅު ރައްޔިތުންގެ ވަރަށް ބޮޑު އިހްތިރާމެއް އޭނާއަށް ލިބިގެންދިޔައެވެ. ސަބަބަކީ، ސުލްހައަށްޓަކައި އޭނާ ކުރެއްވި މަސައްކަތެވެ.
ނަމަވެސް، އޭނާގެ ވެރިކަން ފަހުން ވެގެންގޮސްފައިވަނީ ކޮރަޕްޝަންގެ ހާއްޔަކަށެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވީ ނަމަވެސް، އުމްރާނީގޮތުން ގައުމު ނިކަމެތިވުމާއި، ވަޒީފާނެތް މީހުންގެ އަދަދުތައް މަދުވެ، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީއެވެ. ވަޒީފާނެތިގެން ޒުވާނުންދިޔައީ ގައުމުން ބޭރުވަމުންނެވެ.