ދުނިޔޭގައި މިވަގުތު ހުރި ކަމަށް ބެލެވޭ އެންމެ ބިޔަ ގަސް އަލިފާނުން ސަލާމަތް ކުރުމަށްޓަކައި، ގަސް ވަށައިގެން އަލިފާން ނުހިފާ ވައްތަރުގެ ފޮއިލް އޮޅައިފިއެވެ.
275 ފޫޓު ހުންނަ މިގަހަކީ، އެމެރިކާގެ ކެލިފޯނިއާގެ ސުކޯޔާ ނޭޝަނަލް ޕާކްގައި ހުރި ގަހެކެވެ. މިގަހަށް ދީފައިވާ ނަމަކީ "ޖެނެރަލް ޝާރމަން" އެވެ.
މިދުވަސްވަރަކީ ކެލިފޯނިއާ ހިމެނޭގޮތުން އެމެރިކާގެ ހުޅަނގު ބިތަށް ހަނަފަސް ދުވަސްވަރެއް ކަމުން، އަހަރު ފެށުނީއްސުރެ ޖަންގަލިތަކުގައި އަލިފާން ރޯވެ ދަނީ އަނދަމުންނެވެ.
މިއަހަރުގެ މިހާތަނަށް އެތައް މިލިއަން އޭކަރެއްގެ ޖަންގަލިތައް އަނދާފައި ވެއެވެ.
"ޖެނެރަލް ޝާރމަން" ހުރި ޕާކަކީ، ދުނިޔޭގައި ހުރިކަމަށް ގަބޫލުކުރެވިފައިވާ އެންމެ ބިޔަ ގަސްތަކުގެ ތެރެއިން 5 ގަސް ހުރި ޕާކެވެ. އެ ފަސްގަހުގެ ތެރޭގައި "ޖެނެރަލް ޝާރމަން" ވެސް ހިމެނެއެވެ.
މިއީ ރެޑްވުޑްގެ ބާވަތެވެ. އޭގެ ބައެއް ގަސްތަކަށް 3،000 އަހަރު ވެއްޖެކަމަށް ވެއެވެ.
ސުކޯޔާ ނޭޝަނަލް ޕާކްގައި ހުރި ގަސްތަތަކީ ދުނިޔޭގެ އެންމެ އުސް ގަސްތަކެއް ނޫނެވެ. ދުނިޔޭގެ އެންމެ ބިޔަގަހުގެ ގޮތުގައި އެ ގަސްތައް ގުނަނީ ގަސް ހެދިފައި ހުންނަ ފަލަމިނަށް ބަލައިގެންނެވެ.
މި ގަސްތައް ބަލާލަން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެއްގެ މައްޗަށް އެތައްހާސް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ފަޔަރ ފައިޓަރުން ތަފާތު ގޮތްތައް ބޭނުންކޮށްގެން މި ގަސްތައް އަލިފާނުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ، ޖަންގަލިތަކުގައި ރޯވެފައިވާ ދެ އަލިފާންގަނޑެއް، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ގަސްތައް ހުރި ދިމާއަށް އަންނަން ފެށުމުންނެވެ.
ގަސްތައް ސަލާމަތް ކުރުމުގެ މަސައްކަތުގައި 500 ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން ދެއެވެ.
އެގޮތުން، ޖަންގަލީގެ ތިރީގައި ހެދިފައި ހުންނަ ގަސްތަކުގައި ރޯވިޔަސް، އަލިފާން ނުހިފާ ބްލެންކެޓް ވަށައިގެން އޮޅާލުމުން ގަދީމީ ސުކޯޔާ ގަސްތައް ސަލާމަތް ކުރެވޭނެ ކަމަށް އެމީހުން ދެކެއެވެ.