ފިލްމް ދަޅަކްއިން ބޮލީވުޑް އިންޑަސްޓްރީއަށް ތައާރަފްވި، އިޝާން ކައްޓަރު ފެނިގެންދާ ވަޠަނީ ފިލްމު "ޕިއްޕާ"ގެ ޝޫޓިން ފަށައިފިއެވެ.

ހިންދީ ސިނާމާގައި ވިދަމުން އަންނަ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ލީޑު ރޯލު ކުޅޭ މި ފިލްމުގެ ފަސްޓު ލުކްވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކުރާ މި ފިލްމުން އިޝާން އާއެކު ދެން ފެނިގެންދާނީ މުރްނާލް ތާކުރް އެވެ.

މުރްނާލް އަކީ ޑްރާމާ ސީރީޒްތަކުގެ އިތުރުން ފިލްމު “ޖާޒީ”ގެ ވެސް ބަތަލާގެ ބައިން ފެނިގެން ގޮސްފައިވާ ހުނަރުވެރި ފަންނާނެކެވެ.

"ޕިއްޕާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އަސްކަރިއްޔާގެ 45 ވަނަ ކަވަލްރީ ޓޭންކް ސްކޮޑްރަންގައި މަސައްކަތްކުރި ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ހަނގުރާމަ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން ހަލުވިކަމާއެކު ކުރިއަށްދިޔަ ނަމަވެސް ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް އަދި ނޭންގެއެވެ.

މިފިލްމްގެ ޑައިރެކްޓަރ ރާޖާއަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2016 ވަނަ އަހަރު ރިލީޒްކުރި އަކްޝޭގެ ފިލްމު "އެއާލިފްޓް"ގެ ވެސް ޑައިރެކްޓަރެވެ.

މުރުނާލް ޓާކުރުގެ އިތުރުން ފިލްމުގެ މުހިންމު ބައިތަކުން ސޯނީ ރާޒްދާން އަދި ޕްރިޔަންޝޫ ޕެއިންޔޫލީވެސް ފެނިގެންދާނެކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.