ދިގު މުއްދަތަކަށް ފިލްމީ ދާއިރާއާއި ދުރުގައި ހުރުމަށްފަހު އެނބުރި ސިނަމާއާއި ވަރަށް އަވަހަށް ގުޅޭނެކަމަށް އެކްޓަރު ފަރްދީން ޚާން ބުނެފިއެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ފީރޯޒް ޚާންގެ ފިރިހެން ދަރިފުޅު ފަރްދީން ޚާންއަކީ އޭނާ ބޮލީވުޑަށް ތައާރަފްވި ދުވަސްވަރު ވަރަށް ގިނަ މީހުންގެ މެދުގައި އޭނާގެ ރީތިކަމަށް މަގުބޫލުވި އެކްޓަރެކެވެ.

އެނބުރި ފިލްމީ ދާއިރާއަށް އަންނަން ބޭނުންވާކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުތެރޭ ފަރްދީން ޚާން ބުނެފައިވީ ނަމަވެސް އޭނާ އެނބުރި އަންނަ ފިލްމަކީ ކޮން ޕްރޮޑަކްޝަނެއްގެ ފިލްމެއްކަމަށް ބުނެފައެއް ނުވެއެވެ.

މިހާރު ހަބަރު ލިބޭގޮތުގައި ފަރްދީން ޚާން ކުޅެން ހަމަޖެހިފައިވަނީ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޕްރޮޑިއުސްކުރާ "ވިސްޓޮފް" ނަމަކަށްކިޔާ ފިލްމެކެވެ.

ހުސައިން ދަލާލު ލިޔެ ސަމިތް ކައްކަޅު ޑައިރެކްޓްކުރާ މިފިލްމުގައި ފަރްދީން ޚާންގެ އިތުރުން ދެން ފެންނާނެކަމަށް ބެލެވެނީ އެކްޓަރު ރިތޭޝް ދޭޝްމުކްއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއަށް ފަރްދީން ޚާން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާގެ ހަޔާތުގައި ދިމާވި އަމިއްލަ ކަންތައްތަކަކާއި ގުޅިގެން ފިލްމީ ދާއިރާއި ދުރަށްދާން ޖެހުނުނަމަވެސް މިހާ ދިގު މެދުކެނޑުމެއް އަންނާނެކަމަށް ގަބޫލުކުރަން ވަރަށް ދަތިވި ކަމަށެވެ.

ދިގު މުއްދަތަކަށް ދިރިއުޅުން އިނގިރޭސިވިލާތުގައި ހޭދަކުރުމަށްފަހު މިހާރު އެނބުރި މުމްބާއީއަށް އޭނާގެ ދިރިއުޅުން ބަދަލުކޮށްފައި ވާއިރު ފަރްދީން ބުނީ އަމިއްލަ ދިރިއުޅުން މިހާރު ވަރަށް އުފާވެރި ކަމަށާއި ފިލްމީ ދާއިރާއަށް އޭނާ އެނބުރި އައުން މިއީ އެންމެ ރަގަޅު ދަނޑިވަޅު ކަމަށެވެ.

ދެހާހުގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން އޭނާއަށް ލިބުނުއިރު ފަރްދީން ކުޅެފައިވަނީވެސް ވަރަށް މަދު ފިލްމެކެވެ.

އެންމެ ފަހުން ފަރްދީން ފެނިފައިވަނީ 2010 ވަނަ އަހަރު ރިލީޒްވި ފިލްމު "ދުލްހާ މިލްގަޔާ" އިންނެވެ.

އަލުން ފިލްމީ ދާއިރާއާއި ގުޅެން ތައްޔާރަށްހުރި ފަރްދީންއަށް މީގެކުރިންވަނީ އޭނާގެ ސިފަޔަށް އައި ބަދަލާ ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައެވެ.

އެހެންނަމަވެސް މީގެ އަހަރެއްހާ ދުވަސްކުރިން އޭނާވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ފަށާފައެވެ.