2019 ވަނަ އަހަރު އިއުލާނުކޮށްފައިވާ ޑައިރެކްޓަރު ޝޫޖިތް ސިރްކަރުގެ ފިލްމު "ސަރްދާރް އުޅާމް ސިންގް" ރިލީޒްކުރުން އެމޭޒަން ޕްރައިމްއިން ކަމަށް ފިލްމު ޕްރޮޑަކްޝަންއާ ހަވާލާދީ މީޑިއާއިން ބުނެފިއެވެ.

އެކްޓަރު ވިކީ ކޯޝަލް މެއިން ލީޑްއިން ފެނިގެންދާ މިފިލްމު 2019 ގައި އިއުލާނު ކުރިއިރު ފިލްމު ނިމެން މިހާ ދިގު މުއްދަތެއް ނެގީ ކޮވިޑް-19 ގެ ޕެންޑަމިކާ ގުޅިގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ފިލްމު ތިއޭޓަރުތަކުގައި ރިލީޒްކުރުމަށްވެސް ޕްރޮޑަކްޝަން ހައުސްއިން މަސައްކަތް ކޮށްފައިވާއިރު ޕެންޑަމިކާ ގުޅިގެން އެކަމަށްވެސްވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

އެހެންކަމުން މިދަނޑިވަޅުގައި އެންމެ ރަނގަޅުގޮތަކީ ޑިޖިޓަލް ރިލީޒިންގްއަކަށް ދިއުންކަމަށް ނިންމާ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ކުރިޔަށްއޮތް އޮކްތޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ފިލްމު "ސަރްދާރް އުޅާމް ސިންގް" އަކީ، މީލާދީން 1919 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އަމްރިސްތަރްގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން، އޭރު ޕަންޖާބުގައި ހުރި އިނގިރޭސިވިލާތަށް ނިސްބަތްވާ ގަވަރުނަރުގެ ކިބައިން އެކަމުގެ ބަދަލު ހިފުމުގެގޮތުން ކުރިއަށްދިޔަ ހަމަނުޖެހުންތަކުގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.

އެކްޓަރު ވިކީ ކޯޝަލް ފިލްމުގައި ފެނިގެންދާނީ، އޭރު ހިންގި ހަމަނުޖެހުންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އުޅާމް ސިންގް ނަމަކަށްކިޔާ އާއްމުންނަށް މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްކުރި ލީޑަރުގެ ރޯލުންނެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ އިތުރުން މިފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކުގައެވެ. އޭގެތެރޭގައި ރަޝިޔާ، އަޔަރލޭންޑް، ޖަރުމަން އަދި ނޯތު އިންޑިއާ ހިމެނެއެވެ.

2012 ވަނަ އަހަރުން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާން ފަށާފައިވާ އެކްޓަރު ވިކީ ކޯޝަލްގެ ކުރިޔަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭގައި، "ސޭމް ބަހާދުރް". "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަދި ފިލްމު "މިސްޓަރ ލޭލޭ" ހިމެނެއެވެ.

މީގެއިތުރުންވެސް ޑިސްކަވަރީ ޕްލަސްއިން ފެށުމަށް ހަމަޖެހިފައިވާ "އިންޓު ދަ ވައިލްޑް ވިތް ބެއަރ ގްރިލްސް" ގެ އާ އެޕިސޯޑަކުން ވިކީ ވަރަށް އަވަހަށް ފެންނާނެ ކަމަށްވެސް މީޑިއާއިން ބުނެފައެވެ.

އެކްޓަރު އަޖޭ ދޭވްގަންއަށްފަހު ވިކީ ކޯޝަލް ވެގެންދާނީ މިސީރީޒްގެ އެޕިސޯޑުތަކުން ފެންނާނެ 2 ވަނަ ބޮލީވުޑް ފަންނާނަށެވެ.

ވިކީ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ ފިލްމު "ރާޒީ" އަދި "އުރީ: ދަ ސަރޖިކަލް ސްޓްރައިކް" ހިމެނެއެވެ.