ފ. ނިލަންދޫ ކައުންސިލް މެމްބަރު އަޙްމަދު ޝިޔާމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

ޝިޔާމް ޖޭޕީއާ ގުޅިވަޑައިގެންނެވި ފޯމް، މާމިގިލީ އެއާޕޯޓްގައި ބޭއްވި ހަފްލާއެއްގައި ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

ޝިޔާމްގެ އިތުރުން ނިލަންދޫގެ ބައެއް ރައްޔިތުންވެސް ވަނީ އޭނާއާއެކު ޖޭޕީއަށް ސޮއިކޮށްފައެވެ.

ފޯމް ހަވާލުކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ، އެޕާޓީއަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި މަސައްކަތްތައް ކުރާ ޕާޓީއަށް ވާތީ ކަމަށެވެ.

މިހާރު ރާއްޖޭގައި ސިޔާސީ ގޮތުން ކުރިމަތިވެފައިވާ އޮއިވަރުގައި، ބޮޑެތި ޕާޓީތަކުން އެއް ޕާޓީ އަނެއް ޕާޓީއަށް ޖަދަލުކުރަމުން ދާއިރުވެސް ޖުމްހޫރީ ޕާޓީން ކުރިޔަށްދަނީ އަމަންއަމާންކަމާ އެކުގައިކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.

"ޖުމްހޫރީ ޕާޓީ ނޫނިއްޔާ އަޅުގަނޑަށް ހަމަ ހޯދާ ބަލާވެސް ނުފެނުނު އަޅުގަނޑު ގުޅެން ޖެހޭ އިތުރު ޕާޓީއެއް އޮތްކަމަކަށް. އެއީ ރާއްޖޭގައި އަޅުގަނޑު ގަބޫލުކުރާގޮތުގައި އޮންނަން ޖެހޭނީކީ ލޭ އޮހުރުވުމެއް ނޫން. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގައި އޮންނަން ޖެހެނީ ތަންތަންގާއި ހުޅުޖެހުމެއްވެސް ނޫން. އެއާހިލާފަށް ސިޔާސީ ގޮތުން ރަނގަޅު މަސައްކަތްތަކެއް ކުރަންޖެހޭ. ސިޔާސީ ގޮތުން ގައުމަށް ފައިދާހުރީ ކޮން ގޮތެއްތޯ ބަލައި ހޯދަން ޖެހޭ. އަޅުގަނޑު ހޯދައި ބެލި އިރު އަޅުގަނޑަށް ފެނުނީ ޖުމްހޫރީ ޕާޓީ މިގޮތުގައި ކުރިޔަށްދާތަން"
ފ. ނިލަންދޫ ކައުންސިލް މެމްބަރު އަޙްމަދު ޝިޔާމް

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ ސިޔާސީ ހަރަކާތްތައް އަލުން ފަށާފައެވެ.

އެގޮތުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް "ސީދާ އަމާޒަށް" މިނަމުގައި މުޅި ރާއްޖޭގައި ދަނީ ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ. މިކެމްޕެެއިންގެ ދަށުން މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުން ވަނީ ޖޭޕީއާ އަލަށް ގުޅިފައެވެ.

އޭގެތެރޭގައި، ރާއްޖޭގެ ބައެއް މަޝްހޫރު ފަރާތްތަކާއި، އަލަށް ސިޔާސީ މައިދާނަށް ނިކުތް ފަރާތްތަކާއި، 18 އަހަރު ފުރުނު ޒުވާނުންނާއި، ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިހުރި ފަރާތްތަކުގެ އިތުރުން ރަށްރަށުގެ އިޖްތިމާއީ ތަރައްގީއަށް މަސައްކަތްކުރާ ގިނަ ބޭފުޅުން ހިމެނެއެވެ.

ކޮންމެ ހަފްތާއަކުވެސް ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅޭ މެމްބަރުންގެ ފޯމާއި ހަވާލުވުމަށް ޖަލްސާއެއް ބާއްވާއިރު، "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދާނެކަމަށް އެޕާޓީން ބުނެއެވެ.

އެގޮތުން މާލެ ސަރަހަށްދާއި، އަތޮޅުތަކުގައިވެސް މިކެމްޕޭން ވަރަށް ބާރަށް ކުރިޔަށް ގެންދާކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.