އައިސިސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރުކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްސަލާގައި ހައިކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލްތަކާ ޚިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށް އޭނާ މިނިވަން ކުރުމަށް ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ހައި ކޯޓުން ހުކުމްކޮށްފައި ވާއިރު، ޕީޖީ އޮފީހުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމަވާފައިވަނީ، އެމައްސަލާގައި ދައުލަތުން ދައުވާގެ މުއްދަތު ގުނާފައިވަނީ ނުބައިކޮށް ކަމަށެވެ.

އޭނާއަށް ތުހުމަތުކުރީ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ކުށަކަށް ކަމަށް ވިޔަސް، އަމީން ބަންދުކުރީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ކަމަށްވާތީ ހައި ކޯޓުން ނިންމީ އޭނާއަށް ދައުވާ ކުރުމުގައި ހިނގާނީ އެގާނޫނުގައި ބުނާ މުއްދަތު ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޕީޖީގެ އަމިއްލަ ބްލޮގްގައި ޝާއިއުކޮށްފައިވާ ލިޔުމުގައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާންކޮށްފައި ވަނިކޮށް، އެ ގާނޫނު ދޫކޮށް އާންމު އިޖުރާއަތު ގާނޫނަށް އަމަލުކުރުމަކީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ހިލާފު ކަމެއް ކަމަށެވެ.

އަދި ހައި ކޯޓުން ނިންމާފައިވާ ގޮތަށް ބަންދު ކުރުމާއި ދައުވާކުރުމާ ގުޅުވައިގެން ގާނޫނު މާނަކުރާނަމަ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ) ގައި ބުނާ 14 ދުވަސް ހަމަވުމަށްފަހު އެބާވަތުގެ މައްސަލައެއްގައި މީހަކު ބަންދުގައިވެސް ނުބެހެއްޓޭނެ ކަމަށެވެ.

މީގެއިތުރުން، ގާނޫނުގައި ބަންދާމެދު ގޮތް ނިންމުމާ ގުޅޭ މާއްދާގައި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރުން މަނާކޮށްފައި ނުވުމާއެކު، އެ މާއްދާގެ ދަށުން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފިނަމަ ފަހުން އަންނަ ކަންކަމުގައިވެސް އެގާނޫނަށް އަމަލުކުރުން ލާޒިމުވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެފަދައިން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރުން ވާޖިބުވާނީ ބަންދާގުޅޭ ކަންކަމުގައި އެކަނިކަމަށް ވެސް ޕީޖީ ލިޔުއްވާފައިވެއެވެ.

އަދި އެ ވާހަކައަކީ ދައުވާކުރުމާ ގުޅޭ މާއްދާގައި ތަކުރާރުވެފައިވާ ވާހަކައެއް ނޫން ކަމަށާއި، އެވާހަކައަށް ދައުވާކުރުމާ ގުޅޭ މާއްދާގައި ހަވާލާވެސް ދީފައިނުވާކަން ފާހަގަކުރައްވާފައި ވެއެވެ.

މިމައްސަލާގައި ހާއްސަ ގާނޫނެއް ކަމުގައިވާ ޓެރަރިޒަމް ހުއްޓުވުމާބެހޭ ގާނޫނުގައި ކަނޑއެޅިގެން ވަކި މުއްދަތެއް ބަޔާންކޮށްފައި ވަނިކޮށް، އާންމު ގާނޫނެއް ކަމުގައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހައިކޯޓުން ރުޖޫއަވުމަކީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފްކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގައި އަމީންގެ ބަންދު މުރާޖައާކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސްފަރުވާ އޭނާއަށް ލިބެން ނެތްކަމަށް ބުނެ ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމިއެވެ.

ނަމަވެސް އެހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ވަނީ އަމީން ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އެއަމުރު ބާތިލްކޮށްފައެވެ.

އަދި މައްސަލައިގެ ޝަރީއަތް ނިމެންދެން ނުވަތަ ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފައި ވެއެވެ.