ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުލްސައްތާރުގެ ފޯނުން ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް ފޮނުއްވި މެސެޖްތަކެއް މީސްމީޑިއާއަށް ލީކްވުމާއި ގުޅިގެން އެމައްސަލަ ބައްލަވައި ދެއްވުމަށް އެދި ނާޒިމްގެ ފަރާތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅުއްވައިފިއެވެ.
އޭނާގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވާ މައްސަލަތައް ވަކި ފަނޑިޔާރުންތަކަކަށް ނުދެއްވުމަށް އެދިވަޑައިގެން ހައި ކޯޓުގެ އިދާރީ މުވައްޒަފަކަށް ނާޒިމް ކުރައްވާފައިވާ މެސެޖްތަކުގެ ސްކްރީން ޝޮޓް ޓްވިޓާގައި އާންމު ކުރައްވާފައިވަނީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
އެގޮތުން، ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް ނާޒިމް ފޮނުވި މެސެޖެއް އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އަށް ފޮނުއްވި މައްސަލަ ބައްލަވައި ދެއްވުން އެދިވަޑައިގެން ނާޒިމް ވަނީ ޑީޖޭއޭއަށް މައްސަލަ ހުށަހަޅުއްވާފައެވެ.
މިމެސެޖުތައް އާންމުކުރައްވައި ޝުޖާއު ވަނީ ހައި ކޯޓުގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެކަކަކީ ނާޒިމް ކަމަށް ތުހުމަތު ކުރައްވާފައެވެ.
އޭނާ ވަކާލާތުކުރައްވާ ބައެއް މައްސަލަތަކުގައި ބައެއް ފަނޑިޔާރުން ނުހިމެނުމަށް އަމުރުކުރައްވާ ކަމަށާއި، ކޯޓުން ކަންކުރަނީވެސް އެހެންކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި ނާޒިމް ގިނަ ޓްވީޓްތަކެއް ކުރައްވާފައިވާއިރު، އޭނާ ވިދާޅުވާ ގޮތުގައި ހައި ކޯޓުގައި އޭނާ ވަކާލާތު ކުރައްވާ ކޮންމެ މައްސަލައެއް އަބަދުވެސް ދެފަނޑިޔާރަކަށް ދެއްވާކަން ފާހަގަ ކުރެވޭތީ އެހެން ބަޔަކަށް ދެއްވަން އެދިވަޑައިގަތީއެވެ.
މީގެއިތުރުން، ހައި ކޯޓުގެ ހިންގެވުމާ ޝުޖާއު ހަވާލުވެވަޑައިގެން ހުންނެވިއިރު ވެސް އެގޮތަށް އަމަލު ކުރައްވާ ކަމަށާއި މައްސަލަތަކަށް ޝުޖާއު ނުފޫޒު ފޯރުވާކަމަށް ނާޒިމް ތުހުމަތު ކުރައްވައެވެ.
ނަމަވެސް، ޖުޑީޝަރީއަށް އެކި ގޮތްގޮތުން ނާޒިމް ނުފޫޒު ފޯރުވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.