ވޫޓް އަދި ވޫޓް ސިލެކްޓް މެދުވެރިކޮށް ކަރަން ޖޯހަރު ހޯސްޓް ކުރި މަޝްހޫރު ރިއަލިޓީ ޝޯވ ބިގް ބޮސް އޯޓީޓީ ދިވްޔާ އަގަރަވާލް ކާމިޔާބު ކޮށްފިއެވެ.

އޯގަސްޓް 8 2021 ވަނަ ދުވަހު ވޫޓް އަދި ވޫޓް ސިލެކްޓްގައި ޕްރިމިއަރ ކުރި މި ޝޯވއަކީ ބިގް ބޮސްގެ ނަމުގައި ކޮންމެ އަހަރަކުވެސް ކަލަރސް ޗެނަލުން ގެނެސްދޭ ޝޯވއެކެވެ.

އެހެންނަމަވެސް ޝޯގެ 15 ވަނަ ސީޒަން ފެށުމުގެ ކުރިން މިފަހަރުގެ ޝޯ ޑިޖިޓަލް ވާޝަންގެ ގޮތުގައި ގެނެސްދެނީ ކަމުގައި އެޗަނަލުން ވަނީ މީޑިޔާގައި ބުނެފައެވެ.

ޖުމްލަ 13 ބައިވެރިންނާއި އެކު 6 ހަފްތާއަށް ކުރިއަށް ގެންދިޔަ މިޝޯވ ދިވްޔާ ކާމިޔާބު ކުރީ ފައިނަލަށް ދަތުރުކުރި 5 ބައިވެރިންނާއި ވާދަކޮށްގެންނެވެ.

މީގެތެރޭގައި ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ ވެސް ހިމެނުނެވެ.

ބިގް ބޮސް އޯޓީޓީ ފިނާލެ ރޭ ނިމިގެންދިޔައިރު ޝޯވގެ ތަށި ދިވްޔާއަށް ލިބުނީ އެއްވެސް ކަނެކްޝަނަކާ ނުލައެވެ.

އެކަކު އަނެކަކަށް ކަނެކްޝަން ޕެއަ ހަދައިގެން ކުރިއަށް ގެންދިޔަ މިޝޯގައި ކަނެކްޝަނެއް ނެތި ފިނާލޭ އާއި ހަމައަށް ދިޔަ ހަމައެކަނި ބައިވެރިޔަކީ ވެސް ދިވްޔާއެވެ.

މިއީ އިނގިރޭސިވިލާތުގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވ ބިގް ބްރަދަރ އަސްލަކަށް ބަލައިގެން ކަލަރސް އިން ކޮންމެ އަހަރަކުވެސް ގެނެސްދެމުން އަންނަ ބެލުންތެރިންގެ ތެރޭގައި ވަރަށް މަޤްބޫލު ޝޯވއެކެވެ.

ފިނާލޭގައި ބިގްބޮސް އޯޓީޓީގެ ތަށި ދިވްޔާއަށް ލިބުނުއިރު 2.4 މިލިއަން ރުޕީސް ވެސް އޭނާއަށް ލިބުނެވެ.

ދިވްޔާ ވަނީ އޭސް އޮފް ސްޕޭސް އާއި ސްޕްލިޓްސް ވިލާޝޯވގައި ވެސް ބައިވެރިވެ އެ ދެޝޯވގައިވެސް އޭނާއަކީ ރަނަރއަޕްއެވެ.

ދިވްޔާ ލޯބީގެގޮތުން ގުޅިގެން އުޅެނީ އެކްޓަރ ވަރުން ސޫދު އާއެވެ. އޭނާ އާއި ދިވްޔާ ގުޅުނީ އޭސް އޮފް ސްޕޭސް ޝޯގައެވެ.

އޭގެ ފަހުން ދިވްޔާ ވަނީ ވަރުން އާއެކު ރާގިނީ އެމްއެމްސް 2 ސީރީސްގައި ލީޑްރޯލުން ފެނިގެންގޮސްފައެވެ.

ދިވްޔާ ވަނީ ބޮލީވުޑްގެ މަޝްހޫރު ބައެއް ލަވަތައްވެސް ކުޅެފައެވެ.

ކުރިއަށް ދެން ފެންނާނީ ސަލްމާން ޚާން ހޯސްޓް ކުރުމަށް ހަމަޖެހިފައިވާ ބިގް ބޮސް ސީޒަން 15 އެވެ. މިއީ ވެސް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަ ޝޯވއެކެވެ.