ކ. އެނބޫދޫފަޅުގައި ތަަރައްޤީކޮށްފައިވާ "ކްރޮސްރޯޑްސް" މޯލްޑިވްސްއަށް 2 އަހަރު ފުރިއްޖެއެވެ.

"ކްރޮސްރޯޑްސް" އިންޓަގްރޭޓެޑް ޓޫރިސްޓް ޑެސްޓިނޭޝަންގެ ފުރަތަމަ ފިޔަވަހި އާއްމުކޮށް ހުޅުވާލާފައިވަނީ 2019 އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ ދެވަނަ އަހަރީ ދުވަހާއި ގުޅިގެން މެނޭޖިން ޑިރެކްޓަރ ޓޮލްގާ އުނަން ދަ އެޑިޝަނަށް ދިން އިންޓަވިޔުއެއްގައި ބުނީ، މިދިޔަ އަހަރުގެ ޕެންޑެމިކްއާއި ގުޅިގެން އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

މި ގެއްލުމުގައި ކްރޮސްރޯޑްސްވެސް ވަރަށް ދަތި އަދި އެހާމެ އުނދަގޫދުވަސްތަކާއި ކުރިމަތިލާން ޖެހުނެވެ. މި ދަތިތަކުން އަރައިގަތުމަށް ކްރޮސްރޯޑްސްގެ ޓީމުން ވަރަށް ގިނަ ގުނަ ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިހާރުގެ އަމާޒަކީ ފަތުރުވެރިންނާއި އަދި ދިވެހިންނަށްވެސް ކްރޮސްރޯޑްސްގެ ޚިދުމަތްތައް އަލުން ހުޅުވާލާ ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުން ކަމަށް އުނަން ބުންޏެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ހުޅުވާފައިވާ ކްރޮސްރޯޑްސްގައި ދެ ރިސޯޓު ކަމަށްވާ "ހާޑް ރޮކް ހޮޓެލް މޯލްޑިވްސް" އަދި "ސައި ލެގޫން މޯލްޑިވްސް"ގެ އިތުރުން ތަފާތު ވަސީލަތްތައް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ "ދަ މެރީނާ އެޓް ކްރޮސްރޯޑްސް" ވެސް ކްރޮސްރޯޑްސްގެ ފުރަތަމަ ފިޔަވަހީގައި ހިމެނެއެެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް

މިއިން ކޮންމެ ރިސޯޓަކުންވެސް ދަ މެރީނާ އެޓް ކްރޮސްރޯޑްސްއަށް ދެވެއެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސްއަކީ ތަފާތު ކެއުންތައް ލިބޭ ދުނިޔޭގެ މަޝްހޫރު ރެސްޓޯރަންޓުތަކާއި ރީޓެއިލް އައުޓްލެޓުތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ 800 މީޓަރު ދިގު ތަނެކެވެ.

މިތަނުގައި ހުޅުވާފައިވާ ބްރޭންޑުތަކުގެ ތެރޭގައި ހާޑް ރޮކް ކެފޭ، ސްޓްމިނިރީ އޮފް ކްރެބް އަދި ނިހޯންބަށި ހިމެނެ އެވެ.

ޖުމްލަ 178 ކޮޓަރި ހިމެނޭ ހާޑް ރޮކް ހޮޓަލާ އެކު ހުޅުވި ސައި ލެގޫން މޯލްޑިވްސްއަކީ ދުނިޔޭގެ އެންމެ ބޮޑެތި ހޮޓާ ޗެއިންތަކުގެ ތެރޭގައި ހިމެނޭ ހިލްޓަންގެ ބްރޭންޑެއް ކަމަށްވާ "ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން"ގެ ދަށުން ހިންގާ ރިސޯޓެކެވެ.

އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން މިއުޒިކީފުށީގެ ނަން ދީފައިވާ ރަށުގައި ތަރައްގީކޮށްފައިވާ ހާޑްރޮކް ހޮޓަލުގައި ފަތުރުވެރިންނަށް އެކުގައި މިއުޒިކް ކުޅެލެވޭނެ ފުރުސަތު ލިބިގެންދާއިރު، އެ ރިސޯޓުގައި ހުޅުވާފައިވާ "ރޮކް ސްޕާ" އަކީ މިއުޒިކްގެ ދުނިޔޭގައި ބޭނުންކުރާ ސާމާނުން ފަރުމާ ކުރެވިފައިވާ ހާއްސަ ޓްރީޓްމަންޓްތަކެއް ލިއްބައިދޭނެ ތަނެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް

ދަ މެރީނާ އެޓް ކްރޮސްރޯޑްސްގައި 30 ބާވަތުގެ ޔޮޓު މެރީނާއަކާއި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ކެފޭ ޑެލް މާ" ބްރޭންޑުގެ ބީޗު ކްލަބަކާއި ކަނޑުގެ ދިރުންތަކުގެ އިތުރުން ތިމާވެއްޓާ ގުޅުންހުރި ދިރުންތަކުގެ ދިރާސާތަކަށް ޚާއްސަ މެރިން ޑިސްކަވަރީ ސެންޓަރެއް ގާއިމްކޮށްފައި ވެއެވެ.

އަދި ކުޑަކުދިންނަށް ތަފާތު ކުޅިވަރުތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޖޫނިއަރ ކްލަބަކާއި ފަންނުވެރިންގެ މަސައްކަތްތައް ދައްކާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޚާއްސަ ތަނެއްވެސް ގާއިމްކޮށްފައި ވެއެވެ.

ހާޑްރޮކް ހޮޓެލް މޯލްޑިވްސްއަކީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހާޑް ރޮކް ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހުޅުވާފައިވާ ފުރަތަމަ ހޮޓަލެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް

ކްރޮސްރޯޑްސް މޯލްޑިވްސްއަށް ދެއަހަރު ފުރުމާއި ގުޅިގެން ކްރޮސްރޯޑްސް މެނޭޖިން ޑިރެކްޓަރ އުނަން ވަނީ ތަނުގެ މުވައްޒަފުން ދެމުންދާ އެއްބާރުލުމާއި ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް އެކަން ޝުކުރުވެރި ކަމާއިއެކު ބަލައިގަންނަކަން ފާހަގަކޮށްފައެވެ.

އުނަން ބުނީ މި ޕެންޑަމިކުން އަރައިގަނެ ކްރޮސްރޯޑްސް މޯލްޑިވްސްއަށް ފާގަތި އުފާވެރި ދުވަސްތަކެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ރެސްޓޯރެންޓްތަކާއި ޔޮޓް މެރީނާ އަދި ރިސޯޓުތައް ހިމެނޭ ކްރޮސްރޯޑް މޯލްޑިވްސް ކޮވިޑްގެ ހާލަތާއި ގުޅިގެން ބަންދުކޮށްފައި އޮތުމަށް މިމަހުން ފެށިގެން ވަނީ އާއްމުނަށް ދެވޭ ގޮތަށް ހުޅުވާލާފައެވެ.

އެހެން ނަމަވެސް 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއެއް ގެންދަން ޖެހެއެވެ. މިއީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިން ފުރިހަމަކުރަން އަޅާ ފިޔަވަޅެކެވެ.

އާންމުންނަށް ކްރޮސްރޯޑްސް ހުޅުވާފައިވަނީ ހެނދުނު 11:00 ފެށިގެން ރޭގަނޑު 11:00އަށެވެ.