ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ވެސްޓް ހަމް ޔުނައިޓެޑުގެ މައްޗަށް މެންޗަސްޓަރ ޔުނައިޓެޑުން ކުރިހޯދިއިރު މެޗުގެ 'ހީރޯ' އިންނަށް އިތުބާރު ކީޕަރު ޑޭވިޑް ޑެހިއާ އާއި އުންމީދީ މިޑްފީލްޑަރު ޖެސޭ ލިންގާޑް ވެއްޖެއެވެ.
ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފަހު މިނެޓާހަމައަށް ނޭވާ ހިފަހައްޓާލަން ޖެހުނުއިރު މިމެޗުން ޔުނައިޓެޑް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ދެޓީމުގެވެސް ފަރާތުން ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ވެސްޓްހަމް އިންނެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސައިދް ބެންރަހްމާ އެވެ. މިއީ ބޮވެންގެ އެހީތެރިކަމާއެކު ބެންރަހްމާ ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީ މެޗުން ޔުނައިޓެޑަށް މޮޅުވުމުގެ އުންމީދު އައުކޮށްދިނީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ވެސްޓްހަމް އިން ލަނޑުޖެހިތާ 5 މިނެޓުގެ ތެރޭގައި ރޮނާލްޑޯ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބު ކޮށްދިން އިރު މިއީ 12 އަހަރަށްފަހު އެނބުރި ޔުނައިޓެޑަށް އައިސް ކުޅުނު ތިން މެޗުން ރޮނާލްޑޯ ކާމިޔާބުކުރި 4 ވަނަ ލަނޑެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް ލަނޑު ޖަހާފައެވެ. ޑެބިއު މެޗުގައި އެކަނި ދެލަނޑު ރޮނާލްޑޯ ކާމިޔާބު ކޮށްފައިވެއެވެ.
މެޗުގައި ރެފްރީގެ ނިންމުންތަކާއިމެދު ޔުނައިޓެޑުގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު ދެވަނަ ހާފުގައި އޭރިއާ ތެރެއިން ވެސްޓްހަމްގެ ޑިފެންޑަރުން ފައުލްކުރިކަމަށް ބުނެ ރޮނާލްޑޯ ވެސް ވަނީ އަޑު އުފުލާފައެވެ. އެހެންނަމަވެސް މީގެއިން އެއްވެސް ފަހަރަކު ރެފްރީ ކުޑަމިނުން ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީ ހޯދާފައެއް ނުވެއެވެ.
މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ލިންގާޑެވެ. މެޗުގައި އޭނާ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިއީ އޭރިއާ ތެރެއިން ވެސްޓް ހަމްގެ ދެކުޅުންތެރިން ކައިރިން ނަށްޓާލުމަށްފަހު ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ލިންގާޑު ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑެކެވެ.
އެހެންނަމަވެސް މެޗުން ބަލިވާންދިޔަ ވެސްޓްހަމް އަށްވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އަދި ވެސްޓް ހަމް އިންވަނީ މި ޕެނަލްޓީ ފޮނުވާލުމަށް ބެންޗުގައި އިން މާކް ނޯބަލް ވެސް ކުޅެން އަރުވާފައެވެ. އެހެންނަމަވެސް ނޯބަލް ފޮނުވާލި ޕެނަލްޓީ ދިފާއުކޮށް ޑެހިއާ ވަނީ މެޗުގައި ޔުނައިޓެޑް މޮޅުކޮށްދިން 'ހީރޯ'ގެ ޝަރަފު ހޯދާފައެވެ.
މިމެޗުން ޔުނައިޓެޑް މޮޅުވިއިރު، އެޓީމުން ވަނީ ކުޅުނު ފަސްމެޗުން 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި ލިވަޕޫލްވެސް އޮތީ ފަސް މެޗުން ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ވެސްޓްހަމް އޮތީ ތާވަލުގެ 8 ވަނައިގައި 5 މެޗުން 8 ޕޮއިންޓާއެކުއެވެ.