އދގެ އާންމު މަޖިލީހުގެ ޖަލްސާއަށް ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިން ނިއުޔޯކަށް ޖަމާވާން ފަށައިފިއެވެ.

ކޮވިޑް ބަލިމަޑު ހާލަތާ ގުޅިގެން މިދިޔަ އަހަރު އާންމު މަޖިލީހުގެ އެންމެ އިސްވެރިންގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށް، ގައުމުތަކުގެ ވެރިން ކުރިން ވީޑިއޯ މެސެޖްތައް ފޮނުވައިގެންނެވެ.

އދގެ 193 މެމްބަރު ގައުމުގެ ތެރެއިން މިފަހަރު ތިންބައިކުޅަ އެއްބައި ގައުމުތަކުގެ ވެރިން ޖަލްސާއަށް ވަޑައިގަތުމުގެ ބަދަލުގައި ފޮނުއްވާނީ ވީޑިއޯ މެސެޖް ކަމަށް އދއިން ބުނެއެވެ.

އެހެން މެމްބަރު ގައުމުތަކުގެ ރައީސުންނާއި، ބޮޑުވަޒީރުން ސީދާ ޖަލްސާގައި ބައިވެރިވެވަޑައިގެން އދގެ މައި މަރުކަޒުގައި ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާންމު މަޖިލީހުގެ ޖަލްސާގެ ސަބަބުން ކޮވިޑްބަލި ފެތުރިގެންފާނެ ކަމަށް ބަލައި، ގައުމުތަކުގެ ވެރިން އެމެރިކާއަށް ވަޑައިނުގަންނަވާގޮތް ހެދުމަށް އެމެރިކާއިން މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް، ފަހުންވަނީ އެކަން ހުއްޓާލާފައެވެ.

އދގެ އާންމު މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ވެދެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީވެސް ވެކްސިން ފުރިހަމަ ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހެއެވެ. އެހެން ނަމަވެސް، އެބޭފުޅުން ވެކްސިން ޖެހިކަން ސާބިތުކޮށްދެއްވާކަމަށް ޖެހިވަޑައި ނުގަންނަވައެވެ.

އެކަމަކު، ބްރެޒިލްގެ ރައީސް ފުރަތަމަ ދުވަހު ތަގްރީރު ކުރެއްވުމާއެކު އދގެ އުސޫލުތައް މުގުރިގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. ސަބަބަކީ، ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއަކީ ވެކްސިން ޖައްސަވަން ދެކޮޅު ހައްދަވާ ބޭފުޅަކަށްވުންނެވެ.

ބޮލްސޮނާރޯ ވިދާޅުވީ، އޭނާއަށް ކޮވިޑް ޖެހި ރަނގަޅުވެފައި ވުމުން ދިފާއު ވަރުގަދަ ކަމަށާއި، އެހެންކަމުން ވެކްސިން ޖަހަން ނުޖެހޭ ކަމަށެވެ.

އދގެ މައި މަރުކަޒު ހުންނަ ނިއުޔޯކް ސިޓީގެ ސަރުކާރުން ވަނީ އެ މަރުކަޒު ކައިރިއަށް ވޭނެއް ގެންގޮސް، އދގެ މައި މަރުކަޒަށް ވަންނަ ބޭފުޅުންނަށް ހިލޭ ޓެސްޓްތައް ހަދައިދިނުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.

އަދި ބޭނުންފުޅުވާ ބޭފުޅުންނަށް ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ހިލޭ ޖެހޭނެ އިންތިޒާމުވެސް ވަނީ ކޮށްފައެވެ. ޖޯންސަން އެންޑް ޖޯންސަންއަކީ އެއްޑޯޒް ޖަހަންޖެހޭ ވެކްސިނެކެވެ.

ކޮވިޑާހެދި އދގެ އާންމު މަޖިލީހުގެ ޖަލްސާއަށް ގައުމުތަކުން އަންނަ ވަފުދުތައްވެސްވަނީ ކުޑަކޮށްފައެވެ.

އަދި އާންމު މަޖިލީހުގެ އަރިމަތިން ގައުމުތަކުން ބާއްވާ ބައްދަލުވުންތައްވެސް ވާޗުއަލްކޮށް ބާއްވަން ވަނީ އަންގާފައެވެ.

މިފަހަރުގެ ޖަލްސާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް އދގެ މައި މަރުކަޒަށް ވަޑައިގެން ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވި ފަހުން ބައިޑެން އދއަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ގައުމުތަކުގެ ވެރިންގެ ޖަލްސާގައި މައިގަނޑު ދެކަމެއްގެ މައްޗަށް އަލިއަޅުވާލައްވާނެއެވެ. އެއްކަމަކީ ކޮވިޑްބަލީގެ ހާލަތެވެ. ދެވަނަ ކަމަކީ މޫސުމަށް އަންނަ ބަދަލުތަކެވެ.

މީގެއިތުރުންވެސް، އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި، ޑިމޮކްރަސީއާއި، އަފްޣާނިސްތާނާއި އީރާނުގެ މައްސަލަވެސް ވެރިންގެ ޖަލްސާގެ އެޖެންޑާތަކުގައި ހިމެނޭނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.