ށ. ފުނަދޫ ކަރަންޓް މައްސަލައަށް އަވަސް ހައްލެ ލިބޭނެ ކަމަށް އެރަށު ކައުންސިލް އިން ބުނެފިއެވެ.

ވީނިއުސް އާއި ވާހަކަދައްކަވަމުން ފުނަދޫ ކައުންސިލުން ބުނީ ކަރަންޓުގެ މައްސަލައަށް ފަހު ހުރިހާ ގެއަކަށް ވެސް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި އެހެންނަމަވެސް ދުވާލު ގަޑިތަކުގައި ހުރިހާ ގެއަކަށް އެއްފަހަރާ ކަރަންޓުދެވެން އަދި ނެތްކަމަށެވެ. އެގޮތުން ދޮޅުގަޑިން، ދޮޅުގަނޑިން ކަރަންޓުދޭ ގެތަށް ބަދަލުކުރާނެ ކަމަށާއި ރޭގަނޑު ގަޑީގައި ހުރިހާ ގެއަކަށްވެސް ކަރަންޓު ލިބޭނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މި މައްސަލަ ދިމާވީ ރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ 800 ކިލޯވޯޓުގެ ޖަނަރޭޓަރު މަރާމާތުކުރުމަށް ބޭނުންކުރުން ހުއްޓާލުމުން، ކަރަންޓު ދިނުމަށް މިހާރު ބޭނުން ކުރަމުން އަންނަ 200 ކިލޯވޯޓުގެ ޖަނަރޭޓަރުވެސް މައްސަލަ ޖެހުމާ ގުޅިގެން ކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން މިހާރު ކަރަންޓު ދެމުން އަންނަނީ އެންމެ ދެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.

ކައުންސިލުން ބުނީ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލީބޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި މިރޭގެ ވަގުތެގައި މި މައްސަލަ ހައްލުކުރުމުގެ ގޮތުން ތިލަފުށިން ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.