މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވަރކްގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ މިނިމަމް ވޭޖެއް ކަނޑައަޅާ މިއަހަރުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށާއި އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެކަމަށާއީ މި އައު ޕޭ ފްރޭމްވަރކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި ޢިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށަވެސް އެ ކޮމިޝަނުން މަުލޫމާތުދެއެވެ.

ޕޭ ކޮމިޝަނުން މިހެން ބުނެފައިވަނީ އެކަށީގެންވާ އުޖޫރަ އާ އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހަމަހިމޭން އިޖުތިޖާޖެއް އިއްޔެ ކޮށްފައިވަނިކޮށެވެ.

އެކޮމިޝަނުން ބުނީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން މި އައު ޕޭ ފްރޭމްވާކަށް މުވައްޒަފުން ބަދަލުވުމުގެ މަސައްކަތް ފެށުން ކަމަށާ އެ އާ ޕޭ ފްރޭމްވާކްގެ ސަބަބުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މެދުގައި މުސާރައާ މެދު ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.

ކޮވިޑް-19ގެ ދަތި ހާލަތުގައި ވެސް ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ ކުޑަ ނުކޮށް ސަރުކާރުން ދީފައިވާކަން ކޮމިޝަނުން ފާހަގަކުރެއެވެ.