ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ބިލެއްދޫ ދައިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ.

މެމްބަރު ހުށަހެޅުއްވި މައްސަލާގައި ވަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައަކީ އެ މުވައްޒަފުން ހުއްޓުމެއްނެތި ދެއްވަމުންގެންދާ ހިދުމަތާއި އަޅާބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫންކަމަށާއި ސިވިސް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ އުޖޫރަ ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ލަސްނުކޮށް ނިންމުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އަދި ސިވިލް ސަރވިސްގައި އުޅޭ މުވައްޒަފުންނަށް މިއަދު ލިބެނީ ހަމަޖެހިގެން ދިރިއުޅެވޭ ވަރުގެ މުސާރައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ދައުލަތް ހިންގުމަށް އެންމެ ގިނަ މަސައްކަތް ކުރަމުން ގެންދާ ބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމަށްވާތީ އެ މީހުންނަށް ރަނގަޅު މުސާރައެއްދީ ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދޭން ޖެހޭނެ ކަމަށް މެމްބަރު ވަނީ މި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައެވެ.

މެމްބަރު ހަލީމް މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވިއިރު ސިވިލް ސާވަންޓުންގެ މުސާރައަށް އަންނަ އަހަރު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަން އިން ވަނީ ބުނެފައެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެކަން ފާހަގަކޮށްފައެވެ.

އައު ޕޭ ފްރޭމްވޯކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.