އިޓަލީ ފުޓުބޯޅައިގެ ގަދަބާރު ޔުވެންޓަސް އިން އެކުލަބާއި 2018 ވަނަ އަހަރު ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލާ އޭނާ މެންޗަސްޓަރ ޔުނައިޓެޑަށް ވިއްކާލިފަހުން، ޔުވެންޓަސް އިން ލީގުގައި ކުޅުނު ތިންވަނަ މެޗުންވެސް މޮޅެއް ނުހޯދި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ރޮނާލްޑޯ ކުލަބު ދޫކޮށްލިފަހުން އިޓާލިއަން ލީގުގައި މިހާތަނަށް ޔުވެންޓަސް އިން 3 މެޗު ކުޅެފައިވާިއރު ފުރަތަމަ މެޗުން އެމްޕޯލީ އަތުން އެކުލަބު 0-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. ދެވަނަ މެޗުގައި ނާޕޯލީ އަތުން 1-2 އިން ބަލިވިއިރު ތިންވަނަ މެޗުގައި އޭސީ މިލާނާއި ދެކޮޅަށް ކުޅެ ޔުވެންޓަސްވީ އެއްވަރެވެ.

އަމިއްލަ ދަނޑުގައި އޭސީ މިލާނާއި ދެކޮޅަށް ކުޅެ ޔުވެންޓަސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އަދި ޔުވެންޓަސް މި ވަގުތު އޮތީ ތާވަލުގެ ރެލިގޭޝަން ޒޯނުގައެވެ.

މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ޔުވެންޓަސް އިންނެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން މޮރާޓާ އާއި ޕައުލޯ ޑިބާލާ ފޮނުވާލި ހަމަލާތައް މިލާނުގެ ގޯލްކީޕަރު މައިކް މައިންގްނަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި މިލާނުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޓެ ރެބިޗެވެ.

މި ނަތީޖާއާއެކު މިލާން އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނަށްވެސް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފައިވާ ނާޕޮލީއެވެ.