އަންނަމަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރަކަށް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނި ކަމަށްވާ އުރީދޫ ހަމަޖައްސައިފިއެވެ.

ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ ހަމަޖެއްސުމަށްޓަކައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ހޯމަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް، ބައްސާމް އަދީލް ޖަލީލެވެ. އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުފުންނީގެ ޗީޕް ކޮމާޝިއަލް އޮފިސަރ ހުސެއިން ނިޔާޒްއެވެ.

އެއްބަސްވުމުގައި ސޮއެކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ޓައިޓަލް ސްޕޮންސަރ އުރީދޫ އާއިއެކު ވަރަށް ކާމިޔާބު މުބާރާތެއް އަދި ވަރަށް ފޯރިގަދަ ދުވަސްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތާއި ގުޅުވައިގެން ހިންގާ، ގަލޮޅު ދަނޑުގައި އުފާވެރިކަމާއެކު މުބާރާތް ނިންމާލެވޭކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ކުޅިވަރުގެ ކަންކަމުގައި ހާއްސަކޮށް ފުޓުބޯޅައިގެ ކަންކަމުގައި އުރީދޫ އިން ބައިވެރިވެ ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ ބައްސާމް ވަނީ ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރުކަން އުރީދޫއިން ނެގުމުން އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އުރީދޫގެ ފަރާތުން ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖެއިން މިމުބާރާތް ވަކިން ހޯސްޓު ކުރުމަށް ތައްޔާރުވަމުން އަންނައިރު މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ ވެގެންދިޔުމުން އެކަން އެއީ އުރީދޫ އަށް ލިބިގެންދާ ފަހުރެއްކަން ފާހަގަކުރައްވާފައެވެ.

އަދި އުރީދޫ އަކީ ކުޅިވަރުގެ ކަންކަމަށް، ހާއްސަކޮށް ފުޓުބޯޅައަށް ހާއްސަ އަހަންމިއްޔަތުކަމެއްދޭ ކުންފުންޏެއްކަން ނިޔާޒް ފާހަގަކުރެއްވިއެވެ.

ފުޓުބޯޅަ އާއި އުރީދޫ އާއި ދެމެދު އޮތް ގުޅުން ނިޔާޒް ފާހަގަކުރައްވާފައިވާއިރު އުރީދޫގެ ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ ލިއޮނަލް މެސީ އަންނަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހަރަކާތްތެރިވަމުންނެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު މިއަދު ވެވުނު އެއްބަސްވުމާއެކު ދެން މުބާރާތުގެ ނަމެއްގެ ގޮތުގައި ބޭނުންކުރާނީ 'އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021' ގެ ނަމުގައެވެ. މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމްގެ ފަރާތުން ވަނީ ހާއްސަ ކެމްޕެއިން އެއްވެސް ފަށާފައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިފްތިތާހުކުރި ލޯގޯ- ފޮޓޯ:- އެފްއޭއެމް

މި ކޭމްޕުގެ ދަށުން މިހާރު ވަނީ މުބާރާތަށް ހާއްސަ ލޯގޯ އަކާއި ބްރޭންޑިންގެއްވެސް ތައާރަފް ކޮށްފައެވެ. މިކެމްޕެއިން ކުރިއަށް ދާނީ މަގޭ މަހަލްދީބުގެ ނަމުގައި 'ތިންވަނަ ފަހަރު، މިއީ އެފަހަރު' ޝިއާރުގެ ދަށުންނެވެ.