ފައިޒަރ ކޮވިޑް ވެކްސިނަކީ އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނަށްވެސް ރައްކާތެރި ވެކްސިނެއް ކަމަށް، މި ވެކްސިން ތަރައްގީކޮށް އުފެއްދި ދެ ކުންފުނި ކަމަށްވާ ފައިޒަރ/ބަޔޯއެންޓެކުން ބުނެފިއެވެ.

ފައިޒަރއަކީ އެމެރިކާގެ ބޭސް އުފައްދާ ކުންފުންޏެކެވެ. ބަޔޯއެންޓެކަކީ ޖަރުމަނުގެ ކުންފުންޏެވެ.

ކޮވިޑަށް ވެކްސިނެއް ތަރައްގީކޮށް އުފައްދާފައިވަނީ މި ދެކުންފުނި ގުޅިގެންނެވެ.

އެދެ ކުންފުނި ގުޅިގެން ކުރިއަށް ގެންދިޔަ ލެބޯޓަރީ ތަހުލީލުތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފައިޒަރ ވެކްސިންއަކީ އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ރައްކާތެރި ވެކްސިނެއް ކަމަށާއި، އެ އުމުރުގެ ކުދިންނަށް ވެކްސިން ދިނުމުން ހަށިގަނޑުގެ ދިފާއު ވަރަށް ވަރުގަދަ ވެގެންދާކަން ތަހުލީލުތަކުން ދައްކާފައިވާ ކަމަށެވެ.

އެހެންވެ، މިވެކްސިން، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމުގެ ހުއްދައަށް ކަމާބެހޭ ފަރާތްތަކުގައި ވަރަށް އަވަހަށް އެދޭނޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ފައިޒަރ ވެކްސިންއަކީ، މިހާރުވެސް އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނަށް ދުނިޔޭގެ އެކި ގައުމުތަކުގައި ދެމުން އަންނަ ވެކްސިނެކެވެ.

އެހެން ނަމަވެސް، އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް މިހާރު ދެމުން އަންނަ ޑޯޒަށްވުރެ، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ދެވޭނީ ކުޑަ ޑޯޒެއް ކަމަށް ފައިޒަރ/ބަޔޯއެންޓެކުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"ކްލިނިކަލް ޓްރައިލްސްގައި އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނަށް ދިނުމުން، ވެކްސިންއަކީ އެކުދިންނަށް ރައްކާތެރި އެއްޗެއްކަން ހާމަވި. އަދި ކުދިންގެ ހަށިގަނޑު ވެކްސިން ބަލައިގަތް އަދި އެންޓިބޮޑީ ވަރަށް މަތީ މިންވަރަކަށް އުފެދުނު"
ބަޔާން

އެހެންވެ، މި ވެކްސިން، އެ އުމުރުގެ ކުދިންނަށް ޖެހުމުގެ ހުއްދަދިނުމަށް ޓްރައިލްސްތަކުގެ މައުލޫމާތު ޔޫރަޕިއަން ޔޫނިއަންއާއި، އެމެރިކާ އަދި ދުނިޔޭގެ އެހެން ހިސާބުތަކުގެ ރެގިއުލޭޓަރީ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ފައިޒަރ/ބަޔޯއެންޓެކުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ހުއްދަ ލިބިއްޖެނަމަ ފައިޒަރ ވެކްސިން ވެގެންދާނީ، މިހާ ކުޑަކުދިންނަށް ދިނުމަށް ހުއްދަލިބޭ ފުރަތަމަ ކޮވިޑް ވެކްސިނަށެވެ.

ފައިޒަރ ފިޔަވައި، އެމެރިކާގެ މޮޑަނާއިންވެސް ގެންދަނީ އުމުރުން 6 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް އެ ކުންފުނީގެ ވެކްސިން ދެވިދާނެތޯ ބެލުމަށް ކްލިނިކަލް ޓްރައިލްސްތައް ހަދަމުންނެވެ. އަދި އެ މަސައްކަތް ނުނިމެއެވެ.

މިދިޔަ ހަފްތާގައި ކިއުބާއިންވަނީ، އުމުރުން 2 އަހަރުގެ ކުދިންނަށްވެސް ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާކަން އިއުލާން ކޮށްފައެވެ.

ކިއުބާއިން ޖަހަމުންގެންދަނީ އެގައުމުގެ ކުންފުންޏަކުން އުފައްދާފައިވާ "އަބްޑަލާ" ނަމަކަށްކިޔާ ވެކްސިނެކެވެ.

މި ވެކްސިން ޖަހަމުންގެންދަނީ 2 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް، މި ކިއުބާގެ މި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަދި އެޕްރޫވް ކޮށްފައިވާ ވެކްސިނެއް ނޫނެވެ.