ފިލްމީ ކެރިއަރުގައި މިހާތަނަށް ފާހަގަ ކޮށްލެވޭފަދަ ފިލްމުތަކެއް ބެލުންތެރިންނަށް ހުށަހަޅާފައިވާ ބަތަލާ ނުސްރަތު ބަރޫޗާގެ ފުރަތަމަ ބިރުވެރި ފިލްމު "ޗޯރީ" މިއަހަރުގެ ނޮވެމްބަރު މަހުތެރޭ އެމޭޒަން ޕްރައިމް ވީޑިއޯއިން ޕްރިމިއާ ކުރާގޮތަށް ހަމަޖައްސައިފިއެވެ.

ފިލްމު ޕްރިމިއަކުރާނެ ވަކި ތާރީޚެއް ހަމަޖެހިފައި ނުވީނަމަވެސް ނޮވެމްބަރުމަހު ޕްރިމިއާ ކުރާނެކަން އިއުލާނު ކޮށްފައިވަނީ ފިލްމުގެ ޕޯސްޓަރާވެސް އެކުގައެވެ.

ވިޝާލް ފޫރިއާ ޑައިރެކްޓް ކޮށްފައިވާ މިފިލްމަކީ، 2017 ވަނަ އަހަރު އޭނާ ގެނެސްދިން މަރާޓީ ފިލްމު "ލަޕައްޗީ" ގެ ރިމޭކެކެވެ.

އެފިލްމަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައިރު ފިލްމުގެ ރިމޭކް ގެނެސްދެނީ 2017 ގެ ކާމިޔާބުގެ މައްޗަށް ބިނާކޮށް ކުރިޔަށް ވުރެވެސް ފުރިހަމަކޮށެވެ.

ބޮލީވުޑްގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް ކޮވިޑް ޕެންޑަމިކްއާ ގުޅިގެން ސިނަމާތަކަށް އާއްމުންގެ އެހާބޮޑު ސަމާލުކަމަކާއި މަގުބޫލުކަމެއް ލިބިފައިނުވާ މިދަނޑިވަޅުގައި ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން އަމާޒުހިފާފައިވަނީ، ޑިޖިޓަލް ޕްލެޓްފޯމްއަށް ފިލްމު ދޫކޮށްލުމަށެވެ.

ކާމިޔާބު ޕްރޮޑިއުސަރު ބޫޝަން ކުމާރުގެ އުފެއްދުމެއް ކަމަށްވާ މިފިލްމުގެ މެއިން ލީޑްއިން ނުސްރަތު ފެނިގެންދާއިރު ކާސްޓުންގެތެރޭ ހިމެނޭ އިތުރު ތަރިންތަކުގެ ތެރޭގައި، މީތާ ވަޝިޝްތް،ރާޖޭޝް ޖެއިސް، ސޯރަބް ގޯޔަލް އަދި ޔާނީ ބަރަދްވާޖް ހިމެނެއެވެ.

ގިނަބައެއްގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި ފިލްމު "ޕިޔާރުކާ ޕަންޗްނާމާ" އާއި "ސޯނޫކޭ ޓީޓޫކީ ސްވީޓީ" އިން ފެނިގެންދިޔަ ބަތަލާ ނުސްރަތު ބުނެފައިވަނީ ފިލްމު ޗޯރީއަކީ މިހާތަނަށް އޭނާ ސްކްރީނުން ފެނިފައި ނުވާފަދަ އަދި ހީނުކުރާކަހަލަ ބޮޑު ބަދަލަކާއެކު ފެންނާނެ ފިލްމެއް ކަމަށެވެ.

ނުސްރަތު އެންމެ ފަހުން ފެނިފައިވަނީ، މިއަހަރުގެ ކުރީކޮޅު ދަރްމާ ޕްރޮޑަކްޝަންއާއި ނެޓްފްލިކްސްއާއި ގުޅިގެން ގެނެސްދިން އެންތޮލޮޖީ ފިލްމު "އަޖީބް ދާސްތާންސް" އިންނެވެ.