ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ޑިޖިޓަލް ޕްލެޓްފޯމް ޝޯވްތަކަށް ޝައުގުވެރިކަން ފާޅުކޮށް ބައެއް ތަރިން މިހާރު ޑިޖިޓަލް ޕްލެޓް ފޯމްތަކުގެ އުފެއްދުންތަކުން ފެންނަމުންދާއިރު މިލިސްޓަށް ދާދިފަހުން އިތުރުވެފައި މިވަނީ ހިންދީ ސިނަމާގެ ކިންގް ޚާންގެ ދަރަޖަ ހޯދާފައިވާ އެކްޓަރު ޝާހްރުކް ޚާންއެވެ.

އޭނާ ވެބް ސީރީޒްއަކުން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ސަޕޯޓަރުން ތިއްބާ އެކަމަށް ދެން މާގިނަ ދުވަހު އިންތިޒާރުކުރަން ނުޖެހޭނެކަމުގެ އިޝާރާތެއް ޚުދު އެކްޓަރު އަމިއްލައަށްވަނީ ދީފައެވެ.

މިވަގުތު ކުރިއަށްއޮތް ފިލްމު "ޕަތާން" ގެ ޝޫޓިންތަކުގައި އަވަދިނެތި އުޅެމުން އަންނަ އެކްޓަރު ދާދިފަހުންވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓަރގެ އިޝްތިހާރެއްގައި ފެނިގެން ގޮސްފައެވެ.

މިއީ ޝާހްރުކް ޑިޖިޓަލް އުފެއްދުމަކުން ފެނުމުގެ އިތުރަށް އޭނާވެސް އެފަދަ ޕްލެޓްފޯމްއެއްގެ އުފެއްދުންތަކަށް ޝައުގުހުރިކަން އަންގައިދޭ ފެހި ސިގްނަލެއް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

މުމްބާއިގައި ހުންނަ އަމިއްލަ ގެ "މަންނަތު" ގައި ކުޅެފައިވާ މިއިޝްތިހާރާ ގުޅުވައިގެން މަޝްހޫރު ޕްރޮޑިއުސަރު އަދި ޝާހްރުކް ޚާންގެ ގާތް އެކުވެރިޔާ ކަރަން ޖޯހަރު ބުނެފައިވަނީ ގާތް އެކުވެރިޔާ މިފަދަ އިޝްތިހާރެއް ކުޅެން ޝައުގުވެރި ވެދާނެކަމަށް އޭނާ އުއްމީދުވެސް ނުކުރާ ކަމުގައެވެ.

ކަރަން މިކަމާ ގުޅުވައިގެން ކުރި ޓްވީޓަށް ރައްދުދެމުން ޝާހްރުކް ބުނެފައިވަނީ، "އަހަރެންގެ އެކުވެރިޔާއެވެ، ބޮޑު މަންޒަރު އަދި ކުރިޔަށް އޮތީއެވެ". އެހެންކަމުން ގިނަ ބަޔަކު އުއްމީދުކުރަނީ ދާދި އަވަހަށް ޑިޒްނީ ޕްލަސް ހޮޓްސްޓަރގެ އުފެއްދުމަކުން އެކްޓަރު ޝާހްރުކް ޚާން ފެނިގެންދާނެ ކަމަށެވެ.

ޝާހްރުކް ޚާން އެންމެފަހުން ފެނިފައިވަނީ މީގެ 3 އަހަރުކުރިން ރިލީޒްކުރި އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ފިލްމު "ޒީރޯ" އިންނެވެ. އޭނާގެ ކުރިޔަށް އޮތް ފިލްމު "ޕަތާން" އަކީ އެފިލްމަކަށް ގިނަބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއްފިލްމެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިންޑިއާގެ ގިނަ ތިއޭޓަރުތައް އާއްމުންނަށް ބަންދުވެފައި އޮތުމުން އަލަށް އުފައްދާ ގިނަ ހިންދީ ފިލްމުތައް މިހާރު ޕްރިމިއަރކުރަނީ ޑިޒްނީ ޕްލަސް ހޮޓް ސްޓަރއިންނެވެ.

ދާދިފަހުން ޑިޒްނީއިން ޕްރިމިއަރކުރި ވަރުގަދަ އެއް ފިލްމަކީ އެކްޓަރު އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަދި އެކްޓަރު ސައިފް އަލީ ޚާންގެ އިތުރުން ގިނަ ތަރިންތަކެއް ފެނިގެންދިޔަ ފިލްމު "ބޫތް ޕޮލިސް" އެވެ.