އިންޑިއާގެ ޕޫނޭގައި މިހާރު މަސައްކަތް ފަށާފައިވާކަމަށް ބުނާ ސުޕަރސްޓަރ ޝާހްރުކް ޚާން އަދި ތަމަޅަ ފިލްމު ޑައިރެކްޓަރު އެޓްލީގެ ފިލްމުގެ ޓައިޓްލްއަކީ "ލަޔަން" ކަމަށް އިންޑިއާގެ މީޑިއާއިން ބުނަން ފަށައިފިއެވެ.

2019 ވަނަ އަހަރުން ފެށިގެން ޑައިރެކްޓަރު އެޓްލީއާއެކު ޝާހްރުކް ޚާންގެ ފިލްމެއްގައި މަސައްކަތް ކުރާކަމަށް އަޑު އަރާފައި ވީނަމަވެސް ފިލްމާ ބެހޭގޮތުން މާގިނަ ތަފްސީލުތަކެއް މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ.

ފިލްމުގެ ބައެއް މަންޒަރުތައް ދާދިފަހުން ޕޫނޭގައި ނަގާފައިވާއިރު މީގެކުރިން މިފިލްމުގެ ޓައިޓްލައަކީ "ޖަވާން" ކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.

އެހެންނަމަވެސް ފިލްމުގެ ބައެއް ޝޫޓްކުރުމަށް ފިލްމު ކްރޫގެ ވެހިކަލްތައް ޕާކުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ސިޓީއެއް އިންޓަނެޓުގައި ދައުރުވުމާއެކު މިސިޓީގައި ފިލްމުގެ ނަމަކަށް "ލަޔަން" ބޭނުންކޮށްފައިވުމުން މިއީ ޝާހްރުކް ޚާންއާއި ސައުތް ޑައިރެކްޓަރު އެކީގައި އުފައްދާ ފިލްމުކަމަށްވަނީ ކަށަވަރުވެފައެވެ.

ރެޑް ޗިލީސްއާއި ސަންޑޭ ފިލްމްސްއާއި ގުޅިގެން އުފައްދާ މިފިލްމުގައި ޝާހްރުކް ޚާން ފެނިގެންދާނީ ޑަބަލްރޯލްއިން ކަމަށްވެސް މީޑިއާގައިވަނީ ބުނެފައެވެ.

މީގެއިތުރުން ބަތަލާ ސާނިޔާ މަލްހޯތްރާ އަދި މަޝްހޫރު ކޮމޭޑިއަން އެކްޓަރު ސުނިލް ގްރޯވަރުވެސް ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

މިފިލްމުގެ ޝޫޓިންގް ކުރިޔަށްއޮތް އަހަރުގެ މާޗްމަހުގެ ނިޔަލަށް ނިންމުމަށް ޝެޑިއުލްކޮށްފައި ވާއިރު އަންނަ އަހަރުގެ މެއިމަހުގެތެރޭ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީގެ ފިލްމެއްގެ މަސައްކަތް ފެށުމަށްވެސް ޝާހްރުކްދަނީ ތައްޔާރު ވަމުންނެވެ.

އަދި ފިލްމު "ލަޔަން" ގެ ޝޫޓިންގްއަށްފަހު ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްޕެއިންގައި ފިލްމު "ޕަތާން" ގެ ބައެއް ޝޫޓްކުރުމަށްވެސް ޝާހްރުކް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ބޮލީވުޑް ފިލްމަކުން ފެނިފައިނުވާފަދަ ތަފާތު ލަވައެއް ސްޕެއިންގައި ޝޫޓްކުރުމަށް ތައްޔާރުވަމުން އަންނަކަމަށް "ޕަތާން" ގެ ޓީމުންވަނީ ބުނެފައެވެ.

ލަވައިގެ ސިކުއެންސް ގެއްލިދާނެތީ މާބޮޑު ތަފްސީލު ދޭން ފިލްމުގެ ޑައިރެކްޓަރު ސިދާތް އާނަންދްވަނީ ދެކޮޅުހަދާފައެވެ.

ފިލްމު "ޕަތާން" ގައި ޝާހްރުކް ފެނިގެންދާނީ ބަތަލާ ދިޕިކާ ޕަދުކޯން އަދި އެކްޓަރު ޖޯން އަބްރަހަމްއާ އެކުއެވެ.