ޕޯޗްގަލްއާއި ކެންޔާ ގުޅިގެން އަންނަ އަހަރު ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި އިންތިޒާމުކޮށް ބާއްވާ އޯޝަންސް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު އަރުވައިފިއެވެ.

ރައީސްއަށް މިދައުވަތު ލިބިވަޑައިގަތީ ޕޯޗުގަލްގެ ރައީސް، މާސެލޯ ރެބެލޯ ޑިސޯޒާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާ ބެހޭގޮތުންނާއި، މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި ކަމަށެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވެކްސިންދެވޭ މުޅި އާބާދީއަށް ވީހާ އަވަހަށް ވެކްސިން ފޯރުކޮށްދީ ނިންމުންކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށާއި އަދި ކޮވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގައި މަދުވަމުން އަންނަކަމަށެވެ.

އަދި އެކަމާ ގުޅިގެން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ފަތުރުވެރިންނަށް ލުއިތައް ދީފައިވާކަންވެސް ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޕޯޗުގަލްގެ ރައީސް ވަނީ އެ ގައުމުގެ އާބާދީގެ 95 އިންސައްތައަށް ވެކްސިން ދީފައިވާކަން ފާހަގަކުރައްވާ ރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބުކޮށްފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ޕޯޗްގަލްގެ ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތައް މިހާރު ތިއަރީތަކުން ފެންނަށްހުރި ހަގީގަތްތަކަށްވުރެ ފުޅާވެ އިންފަހަނައަޅާ ގޮސްފައިވާކަމުގައެވެ.

އަދި ޕޯޗްގަލްއާއި ދިވެހިރާއްޖެއަކީވެސް ކަނޑާގުޅިފައިވާ ދެ ގައުމުކަމުގައިވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަނގަޅު އަސަރުތައް ދެ ގައުމަށްވެސް ފޯރާކަން ޕޯޗްގަލްގެ ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލާސްޓިކް ކުނިބުނިން ކަނޑުތައް ސަލާމަތްކޮށް ކަނޑުގެ ދިރުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ އޯޝަންސް ކޮންފަރެންސަކީ އުފެއްދުންތެރި ޙައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ އިގްތިސާދީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އެގޮތުން ޕޯޗުގަލްގެ ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ފާހަގަކުރައްވާފައެވެ.

އޭގެ ތެރެއިން ޑިޖިޓަލައިޒޭޝަންގެ ދާއިރާއަށް އިޝާރާތްކުރައްވައި، މި 2021 ވަނަ އަހަރު "ވެބް ސަމިޓް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޮލޮޖީ ކޮންފަރެންސްއަކީ ރާއްޖެއިން ޝައުވެރިވާނަމަ ބައިވެރިވުން މުހިންމު ކޮންފަރެންސެއް ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ދިވެހިރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ މީގެ 26 އަހަރު ކުރިން، 1995 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ.