ހެއްކާ ބެހޭ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގދ.ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީއެވެ.

މެމްބަރު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 6 ވަނަ ދުވަހުގައެވެ.

މި ބިލުގައި ވަނީ ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައެވެ.

މި ބިލުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުވާ ހާލަތުގައި ހެކި ހުށަހެޅުމެއް ނެތި އެކަން ސާބިތު ވާނެ ކަމާއި އެގޮތަށް ސާބިތު ވާނެ ކަންތައްތަކަކީ ކޮބައިކަން ތަފްސީލު ކޮށްފައިވެއެވެ.

އަދި ހެކީގެ ގޮތުގައި ހުށަ ނޭޅޭނެ ކަންކަންވެސް މި ބިލުގައި ބަޔާން ކޮށްފަވާއިރު ހެކީގެ ދަރަޖަ ތަކާއި ހެކި ސާބިތު ކުރުމަށް އެހީވެދޭ ނިސްބަތާއި،ހެކި ބައި ކުރެވޭނެ ގޮތްތައްވެސް ބިލުގައިވެއެވެ.

ހަމަ މިއާއިއެކު ހެއްކާބެހޭ ބިލުގައި ހެކި ހުށަހެޅުމަކާ ނުލައި ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކުރުމާއި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަން ބަޔާންކުރުމާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައްވެސް ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ މީގެ 45 އަހަރު ކުރިން އަމަލުކުރަމުންދިޔަ 7 މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާއި ބެހޭ ގާނޫނަކަށެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ބައްދަލު ގަނޫނެއް ކަމުގައިނުވާތީ އޭގެ ބަދަލުގައި ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުމަށް ކަމަށް މެމްބަރު އަބްދުލްމުޣުނީ ވިދާޅުވިއެވެ.