އިންޓެލިޖެންސް މައުލޫމާތު ހެކީގެ ގޮތުގައި ބަލައިގަތުމަށް ފަރުވާތެރި އުސޫލެއް ކަނޑައަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މެމްބަރު އިމްތިޔާޒް މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލަށް ބަހުސްކުރައްވަމުންނެވެ.

އިމްތިޔާޒް ވިދާޅުވީ ހެއްކެއް ކަމަށް ބުނެ ހުށަހެޅޭ ކޮންމެ ކޮންމެ އިންޓެލިޖެންސް މައުލޫމާތެއް ހެކީގެ ގޮތުގައި ބަލައިގަނެގެން ނުވާނެ ކަމަށާއި އެފަދަ މައުލޫމާތު ކޯޓުގައި ހެއްކެއްގެ ގޮތުގައި ފުޅާމިނެއްގައި ބޭނުންކުރެވޭ ކަމުގައި ވަނީ ނަމަ، އެއާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތު ދިފާއަށް ލިބެންޖެހޭނެކަމަށެވެ.

ކޮންމެ ކޮންމެ އިންޓެލިޖެންސް މައުލޫމާތެއް ކަމަށް ބުނެ ހުށަހެޅޭ އެއްޗަކީ ކޯޓުން ހަމަ ލޯމަރާލާފައި ހެކީގެ ގޮތުގައި ބަލާފައި ދައުވާ އުފުލޭ މީހާގެ މައްޗަށް ހުކުމެއް އިއްވިގެން ނުވާނެ. އިންޓެލިޖެންސް މައުލޫމާތު ގޮތަށް ހުށްހެޅޭ ހެކިވެސް އެބަޖެހޭ އޭގެ ދިފާއީ ފަރާތްތަކަށްވެސް އެއާ މެދުގަ ވާހަކަދެއްކުމުގެ ފުރުސަތެއް ލިބެންޖެހޭނެ. ހުރިޙާ ހެއްކަކީ އަދި ފޮރުވިގެންވާނެ ހެއްކެއްވެސް ނޫން. އިންޓެލިޖެންސް މައުލޫމާތުގަ ހުށަހެޅޭ ކަމަށް ވަނީ ނަމަ އެބަޖެހޭ އެއަށް ވާހަކަ ދެއްކެން. އެއަށް ކްރޮސް އެކްޒާމް ކުރެވޭނެ ފުރުސަތު ދެވެން ކަނޑައެޅޭ ވަކި އުސޫލެއްގެ މަތިން.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ސިއްރު ހެކި ދިނުމުގައިވެސް މި އުސޫލު މިގޮތަށް ކަނޑައެޅެން ޖެހޭނެ ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ކުދިކުދި އިޖުރާއީ މައްސަލަތަކާ ހުރެ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދައުވާކުރެވިފައިވާ މީހުން ދޫކުރުމަކީ ނުރައްކާތެރި ކަމެއް ކަމުގައެވެ.

އެގޮތުން، ދައުލަތުން ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ބާތިލުކުރުމަކީ ހެކި ބަލައިގަތުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ މުހިއްމުކަން ސާފުވެގެންދިޔަ އެއް މައްސަލަކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ، އަމީން ދޫކޮށްލަން ޖުހުނީ މައްސަލައާ ގުޅޭ ހެކި ނެތިގެން ނޫން ކަމަށެވެ.

އަދި މާއްދީ ހެކިތައް ހެކީގެ ގޮތުގައި ފެންނަން ހުއްޓާ، ތުހުމަތު ކުރެވޭ މީހުން ދޫކޮށްލާފައިވާ އެހެން މައްސަލައަކަށް އިޝާރާތް ކުރައްވާ މެމްބަރު އިމްތިޔާޒް ވިދާޅުވީ ގއ.ހުޅުވާރުލުން ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންވެސް ތިބީ މުޖުތަމައަށް ދޫވެފައި ކަމަށެވެ.

އެހެންކަމުން ރަނގަޅު ހެކި ފެނުމުން އެއީ ހެއްކެއް ކަމުގައި ނުބަލައި، އިޖުރާއީ ސަބަބުތައް މައްޗަށް ބަލައި އެއީ ހެއްކެއް ކަމުގައި ނުބަލާ ކަމުގައިވާނަމަ އެއީ ނުރައްކާތެރި މައްސަލައެއް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.