ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ސިއްހީ ކުއްލި ހާލަތު މެނޭޖުކުރުމަށް ހޭދަކުރަން ޖެހުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންގެންދާ މަސައްކަތްތަކާއި ރާއްޖޭގައި ވެކްސިން ދެވޭ އާބާދީގެ އެންމެންނަށް ވެކްސިން ދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލްއާ ހީއްސާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅަންޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށްބޮޑު ގެއްލުމެއް ލިބިގެންދިޔަކަމަށާއި، ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ސިއްހީ ކުއްލި ހާލަތު މެނޭޖުކުރުމަށް ހޭދަކުރަންޖެހުނުކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވައި، މިކަމުގެ ނުރައްކަލަށް އެންމެބޮޑަށް ހުށަހެޅިފައިވާ ކުދި ޖަޒީރާ ގައުމުތަކަށް، މިކަމުން އަރައިގަތުމަށް ބައިނަލްއަގްވާމީ މުޖްތަމަޢުގެ އެހީތެރިކަމަށް ބޭނުންވެފައިވާކަން ވަރަށް ސާފުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އައު ދައުރަކަށް އެންޓޯނިއޯ ގުޓާރޭޒް އިންތިޚާބުވެ ވަޑައިގެންނެވުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، ދުނިޔޭގެ މަޝްރަޙު މިހާ ހަލަބޮލި ދުވަސްވަރެއްގައި އެމަނިކުފާނު ދައްކަވާ ލީޑަރޝިޕަށް ރައީސް ސާލިހު ވަނީ ތައުރީފުކުރައްވާފައެވެ.

ކޮވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑު އޮތީ އުފައްދަވާފަ. އޭގެ ސަބަބުން ދުނިޔޭގެ އެކިގައުމުތަކަށް ވަކިން ޚާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން މިފަންޑުގެ ސަބަބުން ލިބިގެންދާނެ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ވެކްސިންގެ ހަމަހަމަކަމާބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ފަށާފައިވާ ކޯވެކްސް ޕްރޮގްރާމް ފަދަ މުހިންމު މަސައްކަތްތަކަށް އެއްބާރުލުންދީ، ހުރިހާ ގައުމުތައް އެކުގައި މަސައްކަތްކޮށް، ކޮވިޑް-19 ޕެންޑެމިކް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މުޅިދުނިޔެ އިން މިހާރު ކުރިމަތިލާން ޖެހިފައިވާ ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި، ކޮވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެ ގައުމު އަލުން އާރާސްތްކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެމަނިކުފާނުގެ އެއްބާރުލުން ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.