މ.މުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ސަމާނު އެރަށަށް ގެންގޮސްފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނީ މުލަކު މަގުހެދުމުގެ މަސައްކަތަށް ތައްޔާރުވެ، ކާސްޓިންގ ޔާޑުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައި ކަމަށެވެ.

މުލަކުގެ މަގުހެދުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ އިން އާރުޑީސީއާއި މިއަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ.

420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ އަގަކީ 106 މިލިއަން ރުފިޔާއެވެ.

މުލަކުގެ މަގުހެދުމުގެ މަޝްރޫއުގައި މަގުތައް ޑިޒައިންކޮށް ހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ޕޭވްމަންޓް ހެދުން ހިމެނޭއިރު މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް ހިމެނޭ ކަމަށް އާރްޑީސީން ބުނެއެވެ.

މީގެއިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މުލަކުގެ މަގު ހެދުމުގެ މަޝްރޫއު ނިމުމުން މިހާރު އެރަށުގެ ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތަކަށް ޖުމްލަ ހައްލު ލިބިގެންދާނެއެވެ.