ސޫދާނަށް ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުކޮށްލެވި މަސްރަހް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސޫދާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސޫދާނުގެ ގައުމީ ޓީވީން އާންމުކުރި އަސްކަރިއްޔާގެ ބަޔާނެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުން، ބަޣާވާތް ގެންނަން އުޅުނީ ސިފައިންގެ ގްރޫޕަކުންނެވެ. އަދި މިކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ ސާޅީހަކަށް އޮފިސަރުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ.

ސޫދާން އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ބަޣާވާތް ގެންނަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ސުވާލުކޮށް ތަހްގީގު ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ބަޣާވާތް ނާކާމިޔާބު ކޮށްލެވުނީ، އެކަން ކުރަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ކުރިން ލިބިގެން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ސޫދާނުގެ ރައީސްކަމުގައި ހުންނެވި އުމަރު އަލްބަޝީރުގެ ވެރިކަން 2019 ވަނަ އަހަރު ވައްޓާލީ އަސްކަރިއްޔާއިންނެވެ.

އަސްކަރީން ނުކުމެ އުމަރު އަލްބަޝީރު ވެރިކަމުން ދުރުކުރީ، އޭނާގެ ވެރިކަމާ ދެކޮޅަށް ސޫދާނުގެ ރައްޔިތުން ނުކުމެ ހަތަރުމަސް ވަންދެން ކުރަމުންދިޔަ ވަރުގަދަ މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ބަޝީރު ވެރިކަމުން ދުރުކޮށް މަދަނީ-އަސްކަރީ ކައުންސިލަކުން ވެރިކަން ކުރަމުންދިޔަ ނަމަވެސް، ސޫދާނުގެ މަސްރަހް އޮތީ ނުތަނަވަސްކޮށެވެ.

އިގްތިސާދު ހީނަރުވަމުންދާއިރު، ސޫދާނުގެ ސަލާމަތީ ކަންކަން ސަރުކާރަށް ހަމަޔަކަށް ނޭޅުވުނެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައިވެސް ވަރުގަދަ އަރާރުންތަކެއް ދިޔައީ ހިނގަމުންނެވެ.