ބޮޑެތި އިސްލާހުތަކާއެކު ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ 43 މެމްބަރުންގެ ވޯޓާއެކުއެވެ.

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމުގައި އިއްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ރިޕޯޓު ތަޅުމަށް އިއްވަވަމުން ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮމިޓީއަށް ހުށަހެޅުނު ބިލު ދިރާސާ ކުރުމަށްފަހު ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން ބިލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ ޒިންމާތަކާއި ބާރުތައް ހިމަނާފައިވާނެ ކަމަށެވެ.

ސަރުކާރުން މި ބިލުގައި ހިމެނި މަގްސަދުގެ އިތުރުން ކޮމިޓީން ބިލުގައި ހިމެނީ ހަކަތައިގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމާއި ކުރިއެރުވުމުގައި ދައުލަތުގެ އިދާރާތަކުގެ ޒިންމާތަކާއި ބާރުތައް ކަނޑައެޅުމާއި، ހަކަތައިގެ ޚިދުމަތްތައް ދިނުމުގެ ތެރެއިން ތިމާވެއްޓާއި އާއްމު ސިއްހަތަށް ލިބޭ ގެއްލުން ކުޑަކުރުމާއި ގުޅޭ ކަންކަންވެސް ހިމަނާފައިވެއެވެ.

އަދި ރާއްޖެ ނެޓްޒީރޯ ގައުމަކަށް ހެދުމަށްޓަކައި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން ފަދަ މުހިންމު ކަންތައްތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ބިލަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި ހަކަތަ ބޭނުންކުރުމުގެ އިތުރަށް ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާ އަދި ހަކަތައިގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާއި، އާންމު ބޭނުންތަކެއްގެ ހިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅާ ބިލެކެވެ.