އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައި ގަތުމަށް ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ، ނިއުޔޯކް ސިޓީގެ މަގުމަތީގައި ކާއެއްޗެހި ވިއްކާ ތަނަކުން ޕިއްޒާ ބައްލަވައިގެން ފަރީއްކުޅުއްވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުވެއްޖެއެވެ.

މިފޮޓޯ ޓްވީޓްކޮށްފައިވަނީ، ނިއުޔޯކްގައި ކާބޯތަކެތި ވިއްކާ ތަނަކުންނެވެ.

ފޮޓޯއިން ފެންނަނީ ބްރެޒިލްގެ ރައީސާއި، އޭނާގެ ސެކްރެޓޭރިއެޓް މިނިސްޓަރ ލުއިޒް އެޑުއާޑޯ ރާމޯސްއާއި، ބްރެޒިލްގެ ރައީސް އދގެ ޖަލްސާއަށް ގެންދެވި ވަފުދުގެ ބޭފުޅުން މަގެއްގެ އެއްފަރާތުގައި ޕިއްޒާ ފަރީއްކުޅުއްވަން ތިއްބަވާތަނެވެ.

ބްރެޒިލްގެ ޓުއަރިޒަމް މިނިސްޓަރ ގިލްސަން މަޗަންޑޯވެސްވަނީ، ރައީސް ބޮލްސޮނާރޯ ޕިއްޒާ ފޮއްޗެއް ހިފައިގެން ހުންނެވި ފޮޓޯއެއް އިންސްޓަގްރާމްގައި އާންމު ކުރައްވާފައެވެ.

އެބޭފުޅުން މަގުމަތީގައި ކާއެއްޗެހި ވިއްކާ ގާޑިޔަލަކުން ޕިއްޒާ ބައްލަވައިގެން ފަރީއްކުޅުއްވަން ޖެހިވަޑައިގެންނެވީ ރެސްޓޯރަންޓަކަށްވެސް ނުވެއްދުމުން ކަމަށް ވެއެވެ.

އދގެ މައި މަރުކަޒު ހުންނަ ނިއުޔޯކް ސިޓީގައި މިހާރު އަމަލުކުރަމުން އަންނަ ސިއްހީ ހަރުކަށި ގައިޑްލައިންގެ ދަށުން، ކޮވިޑް ވެކްސިން ނުޖަހާ އެއްވެސް މީހަކަށް ރެސްޓޯރެންޓެއްގެ އެތެރޭގައި (އިންޑޯ ޑައިނިންގ) ޚިދުމަތް ދިނުމަކީ މަނާކަމެކެވެ.

ނިއުޔޯކްގެ ދަ ބިގް އެޕަލްއިން އެތެރޭގައި ކެއިންބުއިމުގެ ޚިދުމަތް ދެނީ މަދުވެގެން އެއްޑޯޒް ޖަހާފައިވާ މީހުންނަށެވެ. އަދި ރެސްޓޯރަންޓަށް ވަދެވެނީވެސް ޕްރޫފް ދެއްކުމުންނެވެ.

ރެސްޓޯރަންޓްތަކުގެ އިތުރުން، މުނިފޫހިފިލުވުމުގެ ތަންތަނަށާއި، ޖިމްތަކަށްވެސް މިދިޔަ ހަފްތާއިން ފެށިގެން ވަދެވެނީ މަދުވެގެން އެއްޑޯޒް ޖަހާފައިވާ މީހުންނަށެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ހުންނެވީ ކޮވިޑަށް ވެކްސިން ނުޖައްސަވައެވެ. އާދަކާދައިގެމަތިން އދގެ އާންމު މަޖިލީހުގައި މިފަހަރު އެންމެ ފުރަތަމަ ތަގްރީރު ކުރައްވާ ބޭރު ގައުމެއްގެ ވެރިޔަކީވެސް ބްރެޒިލްގެ ރައީސެވެ.

އާންމު މަޖިލީހުގެ އެންމެ އިސް ވެރިންގެ ޖަލްސާގެ ބަހުސްކުރާ މާލަމަށް ވެދެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ ވެކްސިން ޖަހާފައިވާ ބޭފުޅުންކަން ކަށަވަރު ކުރުމަށް ނިއުޔޯކް ސިޓީ ކައުންސިލުން އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ކުރިންވަނީ ސިޓީއެއް ފޮނުވާފައެވެ.

މިކަމަށް އަބްދުﷲ ޝާހިދު ފުރަތަމަ ތާއީދު ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ބަދަލުކުރައްވައި، އާންމު މަޖިލީހުގެ ބަހުސަށް ހެޑްކުއާޓަރަށް ވެދެވަޑައިގަތުމުގައި އަމަލުކުރައްވާނީ "އޮނަރ ސިސްޓަމް" އަށް ކަމަށް ޝާހިދު ކަނޑައެޅުއްވި ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

"އޮނަރ ސިސްޓަމް" ގެ ދަށުން، އދގެ މައި މަރުކަޒަށް ވެދެވަޑައިގަންނަވާ ބޭފުޅުން ވެކްސިން ޖެހިކަމުގެ ހެކި ހުށަހަޅުއްވާކަށް ނުޖެހެއެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވަނީ، އޭނާއަށް ކޮވިޑް ޖެހި ރަނގަޅުވެފައި ވުމުން ދިފާއު ވަރުގަދަ ކަމަށާއި، އެހެންކަމުން ވެކްސިން ޖަހަން ނުޖެހޭ ކަމަށެވެ. އަދި އޭނާ ވާނީ ބްރެޒިލްގައި އެންމެފަހުން ވެކްސިން ޖަހާ މީހާއަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ބްރެޒިލްގެ ރައީސް ނިއުޔޯކް ސިޓީއަށް ވަޑައިގެންފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ނިއުޔޯކް ސިޓީގައި ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ހުންނަވާ ހޮޓަލަށްވެސް އޭނާ ވެދެވަޑައިގަންނަވަން ޖެހެނީ ހޮޓަލުގެ ވަލުދޮރާށިންނެވެ. އެއީ، އޭނާއާ ދެކޮޅަށް ހޮޓަލުގެ ކުރިމަތީގައި އާންމުން މުޒާހަރާ ކުރާތީއެވެ.

ވެކްސިން ނުޖަހައި ހުންނެވުމުން، އާންމުން ގެންދަނީ "ގެޓް އައުޓް ބޮލްސޮނާރޯ" އޭ ގޮވައި ހަޅޭފަޅޭ ޖަހަމުންނެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަން، ރާއްޖޭ ގަޑިން ހަވީރު 6:00 ގައި ފަށާއިރު، ނިއުޔޯކް ސިޓީ ކައުންސިލުންވަނީ އދގެ މައި މަރުކަޒުގެ ގޭޓް ކައިރީގައި ހިލޭ ޓެސްޓްތައް ހަދައިދިނުމުގެ އިންތިޒާމު ހަމައްސާފައެވެ. އަދި ބޭނުންފުޅުވާ ބޭފުޅުންނަށް ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ހިލޭ ޖެހޭނެ އިންތިޒާމުވެސް ވަނީ ކޮށްފައެވެ.