ބީއެމްއެލް އިސްލާމިކްް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސް މެދުވެރިކޮށް ފައިސާވެސް ދޫކުރާނެކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންއަކީ ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފްލެޓް ނިންމުމާއި، މަރާމާތުކުރުމުގެ އިތުރުން އެތަނަށް ބޭނުން ތަކެތި ގަތުމަށް ސޯޝަލް ހައުސިންގ ލިބިފައިވާ ފަރާތްތަަކަށް ހާއްސަކޮށް ބީއެމްއެލް އިސްލާމިކްއިން ރަހުނަކާ ނުލާ ދޫކުރާ ފެސިލިޓީއެކެވެ. ސޯޝަލް ހައުސިންގެ ދަށުން އަތޮޅުތެރޭގައި ދޫކޮށްފައިވާ ތަންތަނަށްވެސް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންއަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލް އިސްލާމިކް ބޭންކިން ޑިވިޝަންގެ އިންޓެރިމް އިންޗާޖް ހަސަން ކަލާމް ވިދާޅުވީ އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން އަމިއްލައަށް އެއްވެސް ހަރަދެއް ކުރަން ނުޖެހި މުދަލާއި ނަގުދު ފައިސާވެސް ލިބޭނެކަމަށެވެ.

ހަމައެއާއެކު ފްލެޓް ނުވަތަ އެޕާޓްމަންޓްގެ ވެރިފަރާތާއެކު އިތުރު ފަރާތެއް ފައިނޭންސިންގައި ބައިވެރިކުރަން ބޭނުންނަމަ އެ ފުރުސަތުވެސް ކަސްޓަމަރުންނަށް ހުޅުވާލާފައިވާކަމަށެވެ.

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން ފައިސާ ދޫކުރަނީ ޕްރޮޖެކްޓަކަށް 150،000 ރުފިޔާއާ ހަމައަށެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ފެސިލިޓީގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކައި ހަލާސްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި އަވަހަށް ފައިސާ ދައްކާ ހަލާސް ކުރާނަމަ ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ލިބޭނެއެވެ.

މި ފެސިލިޓީއަށް ދާދިފަހުން ގެނެވުނު ބަދަލާއެކު، އާއިލާގެ މެމްބަރުންގެ ގޮތުގައި ފެސިލިޓީގައި ބައިވެރި ކުރެވޭނީ މަންމަ، ބައްޕަ އަދި ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތަކުގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި ދަރިންނެވެ. އަދި މާމަ ނުވަތަ ކާފަ އަދި މާމަ ނުވަތަ ކާފަ ދަރިންނަށެވެ.

މި ފެސިލިޓީއަށް އެދި، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މާލެއިންނަމަ ހުށަހަޅާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗަށެވެ. އަދި މާލެއިން ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއް ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ފޯމު ހުށަހެޅޭނެއެވެ.