މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މި މައްސަލާގައި ދައުވާ ކުރި ހަތް މީހުންގެ ތެރެއިން، މިއަދު ކުރިއަށް ގެންގޮސްފައިވަނީ އޭގެތެރެއިން ހަތަރު މީހެއްގެ އަޑުއެހުމެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ރައީސް ނަޝީދަށް ދިން ހަމަލާގައި އަމަލީގޮތުން ބައިވެރިވެ ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.

އެގޮތުން، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މައިގަނޑު ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އިއްވި ދައުވާތަކަށް އޭނާ އިއުތިރާފްވުމުން، އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީން އޭނާއާ އިތުރަށް ސުވާލުކުރަން ބޭނުންފުޅުވާތީއާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތައް އެކުލެވިގެންވާތީ، ޝަރީއަތުގެ އަޑުއެހުން ވަނީ އޭގެފަހުން ސިއްރުކޮށްފައެވެ.

އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާއެވެ. އޭނާ ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެހަމަލާ ދިނުމަށް ތައްޔާރަށްކަމަށް ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

މި ދައުވާތައް ސާބިތުވެއްޖެ ނަމަ އަދުހަމްގެ މައްޗަށް 40 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ ނަމަވެސް، އިއުތިރާފްގެ އެއްބަސްވުމެއް ހެދިފައި އޮތުމުން މިހާރު އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އަންނާނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ޝަރީއަތުގެ މަޖިލީހުގައި އަދުހަމް އިއުތިރާފްވި ނަމަވެސް، މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މުޖާޒު އަހުމަދާއި ތަހުމީން އަހުމަދު ވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައެވެ.

މުޖާޒުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވިކަމުގެ ދައުވާއާއި ކުށެއްކޮށްފައިވާ މީހަކު ފިލުވުމުގެ ދައުވާއެވެ.

ތަހުމީނުގެ މައްޗަށް އުފުލާފައިވަނީ ޖުމްލަ ހަތަރު ދައުވާއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށް ރޭވުމުގެ ދަޢުވާއާއި ގޮތާތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ދައުވާ އާއި، ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާ ތުހުމަތުތަކަކީ އޭނާ ނުކުރާ ކަމެއްގެ ދައުވާކަމަށް ތަހުމީނު ވަނީ ބުނެފައެވެ. މުޖާޒު ބުނެފައިވަނީ މައްސަލާގައި ހިނގިކަމަށް ބުނާ ކަންކަމަކީ ހިނގި ކަންކަން އޭނާއަށް އެނގޭ ކަންކަން ނޫން ކަމަށެވެ.

ދައުލަތުން ތަހުމީނާ ދެކޮޅަށް 113 ކިތާބީ ހެއްކާއި 86 ޝަފަވީ ހެކި، އަދި މުޖާޒާ ދެކޮޅަށް 80 ކިތާބީ ހެއްކާއި 103 ޝަފަވީ ހެކި ހުށަހަޅާފައިވެއެވެ.

އެހެކިތަކުގެ އަދަދު ގިނަވުމާއެކު އިސް ގާޒީ ވަނީ ދެ ފަރާތުން ވާހަކަދައްކައިގެން ދެ ފަރާތަށް އެއްބަސްވެވޭ ކަންކަމުގައި ހެކި ހުށަނާޅާނެ ގޮތެއް އިންތިޒާމުކޮށް ކޯޓަށް ހުށަހަޅަންޖެހޭ ހެކީގެ އަދަދު މަދުކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން، ހަމަލާއެއް ދިން ކަމާއި، ސައިކަލެއް ގޮއްވައިލިކަމާއި، އަނިޔާ ލިބުނު ފަރާތަށް އަނިޔާވިކަން ފަދަ ކަންކަމަކީ ކުށަށް އިއުތިރާފުނުވި ނަމަވެސް އެއްބަސްވެވިދާނެ ކަންކަން ކަމުގައި ގާޒީ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ކުރިމިނަލް ކޯޓުގައި ބައްލަވަނީ ތިން ގާޒީންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. ބެންޗުގެ އިސް ގާޒީ އާދަމް މުހައްމަދުގެ އިތުރަށް ދެން ތިއްބަވަނީ ގާޒީ މުހައްމަދު މިސްބާހާއި ގާޒީ ސަފްވަތު ހަބީބެވެ.