VOD VTV LIVE VFM 99

ރާއްޖޭގެ އުތުރުން ދެކުނަށް ކުރާ ރެކޯޑް ޖެޓްސްކީ ދަތުރު

އައްފާން މުހައްމަދު
އައްފާން މުހައްމަދު Ha. Thuraakunu   |   22 September 2021, 11:06

16:35
މީދޫގައި މަޑުކުރުމަށްފަހު ރައިޑަރުން ދަތުރުގެ އެންމެ ފަހު މަންޒިލަށް!

މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021- ނޯތް ޓު ސައުތު ގެ އެންމެފަހު މަންޒިލް ކަމުގައިވާ އައްޑޫ އަތޮޅު މަރަދޫ ފޭދޫއަށް ރައިޑަރުން ދަތުރު ފަށައިފިއެވެ.

ގިނަ ގޮންޖެހުން ތަކާއެކުވެސް ކާމިޔާބުކަމާއެކު ދަތުރުގެ އެންމެފަހު މަންޒިލަށް ދަތުރު ފަށާފައިވާއިރު މަރަދޫފޭދޫގައި މި ދަތުރުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ދާނެއެވެ.

މިއީ މިދަތުރުގައި ރައިޑަރުން ދަތުރުކުރާ 22 ވަނަ ރަށެވެ.

މިދަތުރުގެ ނިންމުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީ މަރަދޫފޭދޫގައި ބާއްވާއިރު މި ހަފްލާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރް ބައިވެރިވެވަޑައިގަންނަވާނެއެވެ.

14:51
ރައިޑަރުން އައްޑޫ އައް

ރައިޑަރުން ވަނީ 14:00 ޖެހިއިރު އައްޑޫ ސީޓި މީދުއައް ގޮސްފައެވެ.

ރައިޑަރުން އައްޑޫ ސިޓި މީދޫއަށް ދިޔުމުން އެ ރަށުގެ ކައުންސިލަރ އަދި ރަށުގެ ގިނަ ރައްޔިތުން ވާނީ ރައިޑަރުންނަށް މަރުހާބާ ކިޔާފައެވެ.

13:23
ރައިޑަރުން ފުވައްމުލަކުން އައްޑޫ ދާން ތައްޔާރުވެއްޖެ

މި ދަތުރުގެ ރައިޑަރުންގެ އެންމެ ފަހު މަންޒިލް އެއް ކަމަށްވާ އައްޑޫއަށް ދާން ރައިޑަރުން މިހާރު ފުރައިފިއެވެ.

ރައިޑަރުންނަށް އައްޑޫއަށް ދެވޭނެ ކަމަށް ބެލެވެނީ 14:00 ގައި ކަމަށް އިވެންޓުގެ މީޑިއަރ ކޯޑިނޭޓަރ އަދި ރައިޑަރ، ޝާމިލް ބުނިއެވެ.

09:02
ރައިޑަރުން ހުވަދޫ ކަނޑު ހުރަސް ކުރަން ތައްޔާރުވެއްޖެ

ރައިޑަރުން ބުނީ ކުޑަވަގުތު ކޮޅެއްގައި ހުވަދޫ ކަނޑު ހުރަސް ކުރާނެކަމަށެވެ. 

އަދި 1 ގަޑި އިރުތެރޭ ފުވައްމުލަކައް ރައިޑަރުން  ދެވޭނެ ކަމަށެވެ.

16:02
ރައިޑަރުން ގދ ގަދޫއައް

ރައިޑަރުން އައް ގަދޫއައް ދެވޭނެ ކަމަށް ބެލޭނީ 25 މިން ތެރޭގައިއެވެ.

15:38
ގއ. ނިލަންދޫ އިން ރައިޑަރުން ގދ ގަދޫއައް

އިޔެ ރައިޑަރުން ލ. މާމެންދޫ އިން ގއ. ނިލަންދޫ އަށް ދަތުރުކުރަމުން ދަނިކޮށް، ހުވަދޫ ކަނޑުގައި އެއް ޖެޓްސްކީ އެއް ދިޔަވެ ދަތުރަށް ވަނީ ހުރަސް އެޅިފައެވެ.

މިހާރު ގއ. ނިލަންދޫ އިން ރައިޑަރުން ގދ ގަދޫއައް ދާން ފުރާއިވިއެވެ.

20:03
އިތުރު ގޮންޖެހުމެއް: ހުވަދޫ ކަނޑުގައި ޖެޓްސްކީ އަކަށް މައްސަލަތަކެއް ކުރިމަތިވެއްޖެ

ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް، ޖެޓްސްކީގައި ދަތުރުކޮށް ރެކޯޑެއް ގާއިމްކުރުމަށް މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން ފަށާފައިވާ ދަތުރަށް އިތުރު ގޮންޖެހުމެއް ކުރިމަތިވެއްޖެއެވެ.

މީގެކުރިން މޫސުމުގެ ސަބަބުން ދަތުރަށް ހުރަސްއެޅި، މެދުކަނޑާލަންވެސް ޖެހިފައިވާއިރު މިއަދު ރައިޑަރުން ލ. މާމެންދޫ އިން ގއ. ނިލަންދޫ އަށް ދަތުރުކުރަމުން ދަނިކޮށް، ހުވަދޫ ކަނޑުގައި އެއް ޖެޓްސްކީ އެއް ދިޔަވެ ދަތުރަށް ވަނީ ހުރަސް އެޅިފައެވެ.

މީގެކުރިން ރައިޑަރުން މިއަދު ގއ. ގދ އަދި ޏ އަތޮޅަށް ދަތުރުކުރުމަށް ތާވަލުކޮށްފައިވީނަމަވެސް ޖެޓްސްކީ އަށް ކުރިމަތިވި މައްސަލަ އާއިއެކު ދަތުރުގެ ބައިވެރިން ވަނީ ނިލަންދޫގައި މަޑުކޮށްފައެވެ.

މި ދަތުރުގައި ބައިވެރިވާ ވީނިއުސްގެ ޖާނަލިސްޓް މައުލޫމާތު ދިންގޮތުގައި ޖެޓްސްކީ އެއް މައްސަލަޖެހި އެ ޖެޓްސްކީ ދިޔަވާން ފެށުމުން ގިނަ އިރުތަކެއް ކަނޑުމަތީގައި ރައިޑަރުން ހޭދަކުރަން ޖެހުނެވެ.

އެހެންނަމަވެސް މި އިވެންޓުގެ މީޑިއަރ ކޯޑިނޭޓަރ އަދި ރައިޑަރ، ޝާމިލް ވީނިއުސް އާއި ވާހަކަދައްކަވަމުން ވިދާޅުވީ މިހާރު ޖެޓްސްކީ މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް ބާރުމިނުގައި ކުރަމުންދާ ކަމަށާއި، މާދަމާ އަލުން ދަތުރު ފަށާ މަންޒިލްތަކަށް ވާސިލް ވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

09:06
މާމެންދޫ އިން ރައިޑަރުން ފުރައިފި

މިއަދު ހެނދުނުގެ ވަގުތެއްގައި އީކުއެޓާރ ހުރަސްކުރާނެކަމަށް ރައިޑަރުން ބުނެފިއެވެ. މިއަދު ހެނދުނު ލ.މާމެންދޫއިން ރައިޑަރުން ފުރާފައިވާއިރު ހުވަދޫ ކަނޑަށް މިއަދު ނުކުންނާނެއެވެ.

ކުރިން ދަތުރުގެ ޝެޑިއުލްގައިވާ ގޮތުން ގއ. ވިލިނގިއްޔަށް ދަތުރުކުރަން ރާވާފައިވީނަމަވެސް މިހާރު ގއ. އަތޮޅުން ރައިޑަރުން މަޑުކުރާނީ ނިލަންދޫގައެވެ. އެއީ ވިލިނގިލި މޮނިޓަރިންގެ ހާލަތުގައި އޮތުމުންނެވެ.

18:00
މިއަދުގެ ފަހު މަންޒިލް މާމެންދޫގައި ރައިޑަރުން މަޑުކޮށްފި

ރާއްޖޭގެ އުތުރުން ދެކުނަށް ޖެޓް ސްކީގައި ދަތުރުކޮށް ރެކޯޑެއް ގާއިމްކުރުމަށް މޯލްޑިވްސް ވޯޓާރ ސްޕޯޓްސް އިން ފަށާފައިވާ ދަތުރުގެ 17 ވަނަ މަންޒިލް ކަމުގައިވާ ލ. މާމެންދޫ އަށް މަޑުކޮށްފިއެވެ.

މިރޭ ރައިޑަރުން މާމެންދޫގައި މަޑުކުރާއިރު ދެން ރައިޑަރުން ދަތުރު ފަށާނީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ބުރާސްފަތި ދުވަހު ރައިޑަރުން ދަތުރު ކުރާނީ ގއ. އަދި ގދ. ގެ ދެރަށަށެވެ.

މިއީ މިދަތުރު ފެށިފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ރަށްތަކަކަށް ދަތުރުކުރި ދުވަހެވެ. އެގޮތުން ދިއްގަރުން ފުރައިގެން މަގޫދޫ އަށް ގޮސް، އެރަށުން ކުޑަހުވަދޫ އަށް އަދި އެއަށްފަހު މާމެންދޫ އަށް ރައިޑަރުން ދިޔައީ ތ. ވޭމަންޑޫގައިވެސް މަޑުކޮށްފައެވެ.

16:23
ވޭމަންޑޫ އިން ރައިޑަރުން މާމެންދޫ އައް ދަތުރު ފަށާއިފި

ވޭމަންޑޫ އިން ރައިޑަރުން މާމެންދޫ ދާން ފުރައިފިއެވެ. މީ މިއަދު ރައިޑަރުން ދަތުރު ކުރާ 4 ވަނަ ރެށެވެ. އަދި މީ ރައިޑަރުން ދަތުރު ކުރާ 14 ވަނަ ރަށެވެ.

މިދަތުރު ކުރިން ނިންމާލަން ތާވަލުކޮށްފައި ހުރީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެކަމަކު މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ރޭވިފައިވާ ގޮތަށް ދަތުރު ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ވަނީ ދަތުރު ދިގުވެގެން ގޮސައެވެ.

 

 

14:49 މުހައްމަދު ހަފީޒް
ރައިޑަރުން މިހާރު ކުޑަހުވަދޫ އިން ވޭމަންޑޫ އައް

ކުޑަހުވަދޫ ދޫކޮށް ރައިޑަރުން ވޭމަންޑޫ އައް ފުރައިފިއެވެ. މިއީ މިއަދު ރައިޑަރުން ދަތުރުކުރާ ތިން ވަނަ ރަށެވެ.

އިއްޔެ ރައިޑަރުން އެއްވެސް ދަތުރެއް ކޮށްފައި ނުވާއިރު މުޅި ދުވަސް މަޑުކޮށްފައިވަނީ ދިއްގަރުގައެވެ.

ރައިޑަރުން އައް ވޭމަންޑޫ އައް ދެވޭނީ 40 މިންޓުން އެވެ.

10:57
ރައިޑަރުން މިހާރު ތިބީ ފ. މަގޫދޫ ގައި

ރައިޑަރުން މިހާރު ތިބީ ފ. މަގޫދޫ ގައިއެވެ. މިއީ މިއަދު ރައިޑަރުން ދަތުރުކުރާ ފުރަތަމަ ރަށެވެ. އިއްޔެ ރައިޑަރުން އެއްވެސް ދަތުރެއް ކޮށްފައި ނުވާއިރު މުޅި ދުވަސް މަޑުކޮށްފައިވަނީ ދިއްގަރުގައެވެ.

ދެން ރައިޑަރުން ދަތުރު ކުރާނީ ފ. މަގޫދޫ އަށެވެ.

08:00
ރައިޑަރުން މ. ދިއްގަރުން ފ. މަގޫދޫ އައް

ދިއްގަރުގައި ރޭ މަޑުކުރުމަށްފަހު ރައިޑަރުން މިހާރު ފ. މަގޫދޫ ދާން ތަޔަޔާރުވެޖެއެވެ.

13:34
މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު މެދުކަނޑާލައިފި

 

ރާއްޖެ އަށް މިހާރު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން ކަނޑުގަދަވެ ދަތުރު އިތުރަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން އަނެއްކާވެސް ދަތުރު މެދުކަނޑާލައިފިއެވެ.

ރައިޑަރުން މިހާރު ތިބީ މ. ދިއްގަރުގައެވެ.

މި ރައިޑުގެ މީޑިއަރ ކޯޑިނޭޓަރ ޝާމިލް ވިދާޅުވީ ރައިޑަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން މިއަދު ދަތުރު ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ދެން ދަތުރު ފަށާނީ މާދަމާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

ދިއްގަރަކީ މިދަތުރުގެ 13 ވަނަ މަންޒިލެވެ. ދިއްގަރަށްފަހު ދެން ރައިޑަރުން ދަތުރުކުރާނީ ފ. މަގޫދޫ އަށެވެ.

19:07
ރައިޑަރުން މިރޭ މަޑުކުރާނީ ދިއްގަރުގަ

ވ. ތިނަދޫ ދޫކޮށް ރައިޑަރުން ދިއްގަރަށް މަޑުކޮށްފައިވާއިރު މިރޭ އެރަށުގައި މަޑުކުރަން ނިންމައިފިއެވެ. ދިއްގަރަކީ މިދަތުރުގައި ރައިޑަރުން މަޑުކުރާނެ 13 ވަނަ ރަށެވެ.

އަންގާރަ ދުވަހު އަލުން ދަތުރު ފަށާއިރު އެދުވަހުގެ ފުރަތަމަ މަންޒިލަކީ ފ. މަގޫދޫ އެވެ. އަދި އެއަށްފަހު ކުޑަހުވަދޫ އާއި ވޭމަންޑޫގެ އިތުރުން މާމެންދޫ އަށް ދަތުރުކުރާއިރު ރައިޑަރުން އެރޭ މީގެއިން އެއް ރަށުގައި ރޭގަނޑު މަޑުކުރާނެއެވެ.

14:51
ތިނަދޫ އިން ދިއްގަރަށް ދާން ރައިޑަރުން ތައްޔާރުވެއްޖެ

ރައިޑަރުން ވަނީ 13:00 ޖެހިއިރު ވ. ތިނަދޫ އައް ގޮސްފައެވެ.

މިހާރު ރައިޑަރުން ވ. ތިނަދޫ އިން މ. ދިއްގަރަށް ދާން ތަޔާރުވެއްޖެއެވެ. އަދި ރައިޑަރުނަށް ދިއްގަރަށް ދޭވެނެ ކަމަށް ބެލެވޭ ގަޑި އަކީ 16:00އެވެ.

10:26
މަހިބަދޫ އިން ތިނަދޫ އައް ދާން ރައިޑަރުން ތަޔާރުވެޖެ

މަހިބަދޫގައި މަޑުކުރުމަށްފަހު ރައިޑަރުން މިއަދު 11 ޖަހާއިރު ވ.ތިނަދޫ އައް ދާން ތަޔަޔާރުވެޖެއެވެ.

 

 

15:26
މޫސުން ގޯސްވެ ދަތުރަށް ހުރަސް އެޅިއްޖެ

ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ޖެޓްސްކީ ގައި ދަތުރުކޮށް ރެކޯޑެއް ގާއިމްކުރުމަށް މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން ކުރަމުންދާ ދަތުރުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކުރިއަށް ގެންދިއުމުގައި ދަތިތަކަކާއި ކުރިމަތިވެއްޖެއެވެ.

މިދަތުރުގެ ކްރޫ ގައި ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް މުހަންމަދު ޒާހިރު (ބަކާ)ވެސް ބައިވެރިވަމުންދާއިރު ބަކާ މައުލޫމާތުދިން ގޮތުގައި ހޮނިހިރު ދުވަހުގެރޭ އދ. މަހިބަދޫގައި މަޑުކުރުމަށްފަހު އެންމެ ފުރަތަމަ ތާވަލުކުރީ މިއަދުގެ ހެނދުނު އަލުން ދަތުރު ފަށާ ވ. ތިނަދޫ އަށް ދަތުރު ކުރުމަށެވެ.

އެހެންނަމަވެސް އާދިއްތަ ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ރޭވިފައިވާ ގޮތަށް ދަތުރު ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެ މަހިބަދޫގައި މަޑުކުރަން ރައިޑަރުންނަށް ވަނީ މަޖުބޫރުވެފައެވެ.

19:58
މަހިބަދޫގައި މަޑުކޮށްފި، އަލުން ދަތުރު ފަށާނީ އާދިއްތަ ދުވަހުގެ ހެނދުނު

'މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021 ނޯތު ޓު ސައުތު' ގެ ރައިޑަރުން ޑޭ 4 ގެ ފަހު މަންޒިލެއްގެ ގޮތުގައި މަހިބަދޫ އަށް ގޮސް އެރަށުގައި މިރޭ މަޑުކުރަން ނިންމައިފިއެވެ.

މަހިބަދޫގައި މަޑުކުރުމަށްފަހު ދެން ދަތުރު ފަށާނީ އާދިއްތަ ދުވަހުއެވެ. އަދި މިދަތުރުގެ ޑޭ 5 ގެ ފުރަތަމަ މަންޒިލަކީ ވ. ތިނަދޫ އެވެ.

16:01
މާލޭގައި މަޑުކުރުމަށްފަހު ރައިޑަރުން ރަސްދޫ އަށް!

ވެރިރަށް މާލޭގައި މަޑުކުރުމަށްފަހު ޓުއަރ ގެ ރައިޑަރުންގެ ޓީމު އއ. ރަސްދޫ އަށް ގޮސްފިއެވެ. މިއީ މިދަތުރުގައި ރައިޑަރުން ދާ 10 ވަނަ ރަށެވެ.

17:54
ރައިޑަރުން ވެރިރަށް މާލޭ އަށް

މާލޭ އަށް އައުމުން މާލޭން ރައިޑަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މާލޭން ރައިޑަރުންނަށް މަރުހަބާ ކިޔާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ

 

13:07
ޑޭ 3، ފުރަތަމަ މަންޒިލަކަށް ގާފަރު

ބޮޑު ރެކޯޑު ހެދުމަށް މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން ފަށާފައިވާ ޖެޓްސްކީ ދަތުރުގެ ޑޭ 3 ގައި ފުރަތަމަ ރަށަކަށް ކ. ގާފަރަށް މަޑުކޮށްފިއެވެ.

ދެން ރައިޑަރުން އަންނާނީ މާލެ ސިޓީ އަށެވެ.

16:11
7 ވަނަ މަންޒިލަކަށް ދަރަވަންދޫ

'މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021- ނޯތު ޓު ސައުތު' ގެ ރައިޑަރުން އެމީހުންގެ 7 ވަނަ މަންޒިލް ކަމަށްވާ ބ. ދަރަވަންދޫ އަށް މަޑުކޮށްފިއެވެ.

މިއީ 'ޑޭ 2' ގައި ރައިޑަރުން ދާ 4 ވަނަ ރަށެވެ. ދެން ރައިޑަރުން ދާނީ މާލެ އަތޮޅު ގާފަރަށެވެ. އެއީ މިއަދު ރައިޑަރުން ދާނެ އެންމެ ފަހު ރަށެވެ.

މާދަމާ އަލުން ދަތުރު ފަށާއިރު ރައިޑަރުންގެ ފުރަތަމަ މަންޒިލަކަށް ވާނީ މާލެ ސިޓީ އެވެ.

13:48
ދަތުރުގެ ހަވަނަ މަންޒިލަށް

މިދަތުރުގައި ރައިޑަރުން ދަތުރުކުރާ ހަވަނަ މަންޒިލް ކަމުގައިވާ ޅ. ނައިފަރަށް ރައިޑަރުން މަޑުކޮށްފިއެވެ. މިއީ މިއަދު ރައިޑަރުން ތިންވަނަ ރަށެވެ. ރައިޑަރުން ދެން ދަތުރުކުރާނީ ބ. ދަރަވަންދޫ އަށެވެ.

11:22
ޅ އަތޮޅަށް ކުރާ ދަތުރު ފަށައިފި

ރ. އަތޮޅު ރަސްމާދޫ ދޫކޮށް ރައިޑަރުން ޅ. އަތޮޅަށް ކުރާ ދަތުރު ފަށައިފިއެވެ.

ޅ. އަތޮޅުގައި ރައިޑަރުން މަޑުކުރާނީ ނައިފަރަށެވެ. ނައިފަރުންވެސް އެރަށުން ވެލި ފުޅިއެއް ނެގުމާއި ކައުންސިލްގެ ރައީސް ސޮއިކުރާ ފިލާގައި ސޮއިކުރުން އޮންނާނެއެވެ. ނައިފަރަށްފަހު ދެން ރައިޑަރުން ދަތުރުކުރާނީ ބ އަތޮޅަށެވެ.

10:01
ރައިޑަރުން ރަސްމާދޫ އަށް

ފޮށްދޫ ދޫކޮށް ރަސްމާދޫ އަށް ދަތުރުގެ ރައިޑަރުން ފުރީ 9:11 ހާއިރެވެ. މިއަދުގެ ޝެޑިއުލް ރޭވިފައިވާ ގޮތާއި އެއްގޮތަށް ހުރިހާ ކަމެއް ގެންދިއުމަށް މިއަދު ވަނީ ބޮޑު އަހަންމިއްޔަތުކަމެއް ދީފައެވެ.

ރައިޑަރުން ރަސްމާދޫ އަށް އައީ 10:01 ގައެވެ.

09:10
ފޮށްދޫ އިންވެސް ރައިޑަރުންނަށް ހޫނު މަރުހަބާއެއް

ތާރީހީ ދަތުރުގެ ބައިވެރިން ފޮށްދޫ އަށް އައުމުން އެރަށުންވެސް ރައިޑަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އަދި މި ދަތުރުގައި މަޑުކުރާ ކޮންމެ ރަށެއްގެ ކައުންސިލުން ސޮއިކުރާ ފިލާގައި ފޮށްދޫ ކައުންސިލްގެ ރައީސް ވަނީ ސޮއިކޮށްފައެވެ.

 

07:41
ކޮމަންޑޫގައި މަޑުކުރުމަށްފަހު ޓީމު ފޮށްދޫ އަށް ފުރުން

މޫސުމަށް އައި ބަދަލާއެކު ތާވަލުކުރި ގޮތާއި ހިލާފަށް ކޮމަންޑޫގައި ރޭ މަޑުކުރުމަށްފަހު ޖެޓްސްކީ ރައިޑަރުން ފޮށްދޫ އަށް ފުރައިފިއެވެ.

މީގެކުރިން ބުދަ ދުވަހުގެ ވަގުތެއްގައި ކޮމަންޑޫ އިން ފޮށްދޫ އަށް އަދި އޭގެފަހުން ރަސްމާދޫ އަށާއި ނައިފަރަށް ދާން މަސައްކަތް ކުރިނަމަވެސް ދެން ދަތުރުގެ ބައިވެރިން މިރަށްތަކަށް ދާތީ މިއަދުގެ ވަގުތެއްގައެވެ.

19:29 އައްފާން މުހައްމަދު
ތާރީހީ ދަތުރު މިއަދަށް މެދުކަނޑާލާ ކޮމަންޑޫގައި މިރޭ މަޑުކުރަނީ

ރާއްޖޭގެ އުތުރުން ދެކުނަށް ޖެޓް ސްކީގައި ދަތުރުކޮށް ރެކޯޑެއް ގާއިމްކުރުމަށް މޯލްޑިވްސް ވޯޓާރ ސްޕޯޓްސް އިން ފަށާފައިވާ ދަތުރު މެދުކަނޑާލާ ދަތުރުގެ ފުރަތަމަ ދުވަސް ނިންމާލައިފިއެވެ.

ދަތުރުގެ ފުރަތަމަ ދުވަސް ނުވަތަ ޑޭ 'ވަން' ގައި ރައިޑަރުންގެ ޓީމު ޖުމްލަ 6 ނުވަތަ 7 ރަށަށް ދަތުރުކުރުމަށް ރާވާފައިވެއެވެ.

އެހެންނަމަވެސް މޫސުން ގޯސްވުމާއި ކަނޑުގަދަވުމުގެ ސަބަބުން ދަތުރު ރާވާފައިވާ ގޮތަށް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ދަތުރުގެ ޑޭ ވަންގައި މި ޓީމުން ވަނީ ޖުމްލަ ތިން އަތޮޅުގެ ތިން ރަށަކަށް ދަތުރުކޮށްފައެވެ. އެއީ ދަތުރު ފެށި ރަށް ކަމުގައިވާ ހއ. ތުރާކުނާއި، ހދ. ކުޅުދުއްފުށި އަދި މިއަދުގެ ފަހު މަންޒިލް ކަމުގައިވާ ށ. ކޮމަންޑޫ އެވެ.

މާދަމާ ހެނދުނު އަނެއްކާވެސް ދަތުރު ފަށާއިރު ދެން މި ޓީމުން ދަތުރުކުރާނީ ނ. ފޮށްދޫ އަށެވެ.

16:40
ދަތުރުގެ ބައިވެރިން ކޮމަންޑޫއަށް

މި ދަތުރުގެ ރައިޑަރުން ށ. ކޮމަންޑޫ އަށް މަޑުކޮށްފިއެވެ.

މިއީ މިދަތުރުގައި ރައިޑަރުންގެ ތިންވަނަ މަންޒިލެވެ. ކޮމަންޑޫގައިވެސް ރައިޑަރުން އެރަށުގެ ކުދިންނަށް ޖެޓްސްކީ އާއި ވޯޓަރ ސްޕޯޓްސް އާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރާނެއެވެ. އަދި ކައުންސިލްގެ ރައީސް ސޮއިކުރާ ފިލާގައި ކޮމަންޑޫ ކައުންސިލްގެ ރައީސް ސޮއިކުރުން އޮންނާނެއެވެ.

މިދަތުރުގައި މަޑުކުރާ ހަތަރުވަނަ ރަށަކީ ނ. ފޮއްދޫ އެވެ.

ޖެޓްސްކީ ރައިޑަރުން ށ. ކޮމަންޑޫ ފަޅު ތެރޭގަ
15:03
މި ތާރީޙީ ދަތުރުގެ ރައިޑަރުން ކުޅުދުއްފުށި ދޫކޮށް ކޮމަންޑޫ އަށް

މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021 ނޯތު ޓު ސައުތު ގެ ރައިޑަރުން ހދ. ކުޅުދުއްފުށި ދޫކޮށް ށ. ކޮމަންޑޫ އަށް ދަތުރު ފަށައިފިއެވެ.

ކޮމަންޑޫ އަކީ މި ދަތުރުގައިދާ ތިންވަނަ މަންޒިލެވެ. ކޮމަންޑޫގައި ވެސް ރައިޑަރުން އެރަށަށް ފައިބާ ކައުންސިލްގެ މެމްބަރުން ސޮއިކުރާ ފިލާގައި ކޮމަންޑޫ ކައުންސިލްގެ ރައީސް ސޮއިކުރުން ކުރިއަށް ގެންދާނެއެވެ.

އަދި ރަށުގެ ކުދިންނަށް ޖެޓްސްކީ އާއި ވޯޓަރ ސްޕޯޓްސް އާއި ގުޅުންހުރި މައުލޫމާތު ދޭނެއެވެ. 

12:58
ޖެޓްސްކީ ޓީމު ކުޅުދުއްފުށްޓަށް މަޑުކޮށްފި

ރެކޯޑް ދަތުރުގައި ބައިވެރިވާ ޖެޓްސްކީ ޓީމުން ކުޅުދުއްފުށްޓަށް އައިސްފިއެވެ. ކުޅުދުއްފުށީގައިވެސް މި ޓީމުން ވަނީ އެ ސިޓީގެ ބައެއް ކިޔަވާ ކުދިންނަށް ޖެޓްސްކީ ދުއްވުމާއި ރައްކާތެރިމުގެ ފިޔަވަޅުތަކާ ގުޅެގޮތުން މައުލޫމާތު ދީފައެވެ.

ޖެޓްސްކީ ޓީމުގެ ބައިވެރިން ކުޅުދުއްފުށީގަ

އަދި ދަތުރުގައި ރައިޑަރުން މަޑުކުރާ ކޮންމެ ރަށެއްގެވެސް ކައުންސިލްގެ ރައީސް ސޮއިކުރުމަށް ބޭނުންކުރާ ފިލާގައި ކުޅުދުއްދުށީގެ ކައުންސިލުންވެސް ވަނީ ސޮއިކޮށްފައެވެ.

ކުޅުދުއްފުށްޓަކީ މި ދަތުރުގެ ދެވަނަ މަންޒިލެވެ. ދެން ރައިޑަރުން ދަތުރުކުރާނީ ށ. ކޮމަންޑޫ އަށެވެ.

ރާއްޖޭގެ އުތުރުން ދެކުނަށް ޖެޓް ސްކީގައި ދަތުރުކޮށް ރެކޯޑެއް ގާއިމްކުރުމަށް މޯލްޑިވްސް ވޯޓާރ ސްޕޯޓްސް އިން ދަތުރު ފަށައިފިއެވެ.

'މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021 ނޯތު ޓު ސައުތު'މިދަތުރު ފަށާފައި ވަނީ ހއ. ތުރާކުނުން ބުދަ ދުވަހުގެ ހެނދުނު 10:30 ގައެވެ.

މިދަތުރު ފެށުމަށް ޖެޓްސްކީ ރައިޑަރުންނާއި ތަޅުދަނޑި ހަވާލުކޮށްދެއްވީ ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް އެވެ.

މި ދަތުރު ފެށުމުގެ ކުރިން ތުރާކުނުގައި އިވެންޓެއްވެސް ބާއްވާފައިވެއެވެ. މި އިވެންޓުގައި ރަށުގެ ކުޑަކުދިންނަށް ޖެޓް ސްކީ އާއި ވޯޓަރ ސްޕޯޓްސް އާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ކިޔާދީފައިވާއިރު ބައެއް ކުދިންނާއެކު ޖެޓްސްކީ ދުއްވާފައިވެސް ވެއެވެ.

މި ދަތުރު ފެށުމަށް ތުރާކުނުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ:- މޯލްޑިވްސް ވޯޓަރ ސްޕޯޓްސް

ކޮންމެ އަތޮޅަކުންވެސް އެއް ރަށަށް މިދަތުރުގައި ޓީމުން މަޑުކުރާއިރު 10 ރަށެއްގައި ރޭ ކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރޭކުރަން ހަމަޖެހިފައިވާ ރަށްތަކަކީ ތުރާކުނުގެ އިތުރުން، ޅ. ނައިފަރު، ބ. ދަރަވަންދޫ، އދ. މަހިބަދޫ، ވ. ތިނަދޫ، ބ. ކުޑަހުވަދޫގެ އިތުރުން ތ. ވޭމަންޑޫ އާއި ލ. މާމެންދޫ އަދި ގދ. ގައްދޫ އާއި ޏ. ފުވައްމުލަކެވެ.

ވީނިއުސް އަށް މައޫލޫމާތު ދެއްވަމުން މޯލްޑިވްސް ވޯޓާރ ސްޕޯޓްސް އިން ބުނީ، މިހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދަން ރާވާފައިވާ ހަރަކާތެއް ކަމަށެވެ.

މިދަތުރު މިއަދު ފަށާފައިވާއިރު ދަތުރު ނިންމާލަން ތާވަލުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހެވެ. ހަފްތާއެއްގެ ދިގުމިނަށް ދަތުރު ދެމިގެންދާއިރު މިދަތުރުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ދަތުރުގު ބައިވެރިން ދާނެކަމަށް މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން މައުލޫމާތުދެއެވެ.

ދަތުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވޯޓާރ ސްޕޯޓްސް އެސޯސިއޭޝަނުގެ މީޑިއާ ކޯޑިނޭޓަރ އަހްމަދު ޝާމިލް ވިދާޅުވީ މިދުވަސްކޮޅު މޫސުން ހުރިގޮތުން ދަތުރުކުރުމުގައި ދަތިތަކެއް ހުންނާނެ ކަމަށާއި ކުރިން ރާވާފައިވާގޮތާއި ހިލާފަށް މިދަތުރުގައި ރައިޑަރުން ޖެޓްސްކީ ދުއްވާނީ 30 މޭލުގެ ބާރުމިނުގައެވެ.

މި ރެކޯޑު ގާއިމްކުރުމަށް ދަތުރު ފަށާފައިވާއިރު ދެން ދަތުރުގެ ބައިވެރިން ދާނީ ހދ. ކުޅުދުއްފުށްޓަށެވެ. ކުޅުދުށްފުށްޓަށް ދަތުރުގެ ބައިވެރިންނަށް ދެވޭނީ 11:15 ގައެވެ.

ޖެޓްސްކީ ހަރަކާތް ނިންމާލުމަށް ފަހު އައްޑޫގައި ބާއްވާ މޫދު ކުޅިވަރު ހަރަކާތުގައިވެސް މިޓީމުން ބައިވެރިވާނެ ބައިވެރިވާއިރު މޯލްޑިވްސް ވޯޓަރ ސްޕޯޓްސް އިން ބުނީ މިދަތުރުގައި ރަސްމީކޮށް އުޅޭނީ 6 ރައިޑަރުން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުން އެކި ހިސާބުތަކަށް ބައިވެރިވާ ފަރާތްތައް އުޅޭނެކަމަށް ބުނެފައި ވެއެވެ.

ފަތުރުވެރިކަމުގެ ދުވަހަށް ހާއްސަކޮށް މި ތާރީހީ މިދަތުރުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ދަތުރުގެ ޚަބަރުތައް ވީނިއުސް އިން ގެނެސްދޭނެއެވެ. މި އިވެންޓުގެ މީޑިއާ ޕާޓްނަރަކީ ވީމީޑިއާ އެވެ.

© 2019 vNews.mv, vMedia / Island Broadcasting Company Pvt Ltd
Tel: +960-3018891, Fax: +960-3303647
Email: [email protected]
PO Box 20037, H. Sun Ray, Sosun Magu, Male' Maldives