ސައިބަރ ކްރައިމް ނުވަތަ އިންޓަނެޓުން ކުރާ ޖިނާއީ މައްސަލަތައް ހުއްޓުވުމަށް ދަރިވަރުން ހޭލުންތެރިކުރުމަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ފުލުހުން ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 20 އިން 21 ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި އެ ސްކޫލްގެ ގްރޭޑް 11 ގައި ތައުލީމު ހާސިލްކުރަމުންދާ ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ވަނީ ބައިވެރިވެއެވެ.
ފުލުހުން ބުނީ މި ސެޝަންތަކުގައި، ސައިބަރ ކްރައިމް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ޖިނާޢީ މައްސަލަތައް ރާއްޖޭގައިވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު މިފަދަ މައްސަލަތަކުގެ ޝިކާރައަކަށް ނުވުމަށް ހޭލުންތެރިވުމަކީ ކޮންމެހެންވެސް މުހިއްމުކަމެއްކަމާއި، ސައިބަރ ކްރައިމަށް ހުށަހެޅެނީ ކިހިނެތްކަމާއި ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރާނެ ގޮތްތައް ކޮންމެ މީހަކަށްވެސް އެނގުން މުހިއްމުކަމުގެ މައްޗަށް އަލި އަޅުވާލައި ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ.
މީގެއިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ ހެކްކުރުމާއި، ޑިސްޓްރިބިއުޓިވް ޑިނައިލް އޮފް ސަރވިސް (ޑީޑޮސް) އެޓޭކްސް ދިނުމުގެ އިތުރުންވެސް ޝޯޝަލް މީޑިއާތަކުގެ ޒަރީއާއިން އިންޒާރުދިނުމާއި ބިރުދެއްކުމާއި އޮންލައިން ޑެބިޓް އަދި ކްރެޑިޓް ކާޑް ފްރޯޑް ފަދަ ކުށްތަކާއި ބެހޭގޮތުންވެސް ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.
މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތަކާއި، އިންޓަރނެޓް މެދުވެރިކޮށް މުއާމަލާތްކުރާއިރުގައާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގައިވެސް ރައްކާތެރިވާންޖެހޭކަން ދަރިވަރުންނަށް ހަނދާންކޮށްދީފައި ވާނެެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ގިނަގިނައިން ޕާސްވޯޑް ބަދަލުކުރުމާއި އަދި ޓޫ ފެކްޓަރ އޮތެންޓިކޭޝަންލުމުގެ މުހިންމުކަމާއި، މިކަމުން ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި މައުލޫމާތު ދެއްވާފައިވަނީ ދިވެހި ފުލުހުންގެ ހިިދުމަތުގެ ސައިބަރ ކްރައިމް ޔުނިޓްގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދުއެވެ.
މި ސެޝަންތަކަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.