މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގައި ތަގްރީރުކުރަން ބޭނުންވެގެން ތާލިބާން ޖަމާއަތުން ހުށަހަޅާފައިވާ ކަމަށް އދއިން ހާމަކޮށްފިއެވެ.

އދގެ އާންމު މަޖިލީހުގެ ޖަލްސާ ރޭގައި ފަށާފައިވާއިރު، އާންމު މަޖިލީހުގައި މިވަގުތު އަފްޣާނިސްތާން ތަމްސީލު ކުރައްވަމުން ގެންދަވަނީ، އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރުން އދއަށް ކަނޑައަޅާގައި ހުންނެވި އެމްބަސެޑަރެވެ.

އެކަމަކު، އަޝްރަފް ޣަނީގެ ސަރުކާރު ވައްޓާލައި، މުޅި އަފްޣާނިސްތާން ކޮންޓްރޯލްގެ ދަށަށް ގެންގޮސް، އަދި ވަގުތީ ސަރުކާރެއް އުފައްދައި އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން ގެންދަނީ ތާލިބާން ޖަމާއަތުންނެވެ.

ތާލިބާނުން ބުނެފައިވަނީ، އދގައި މިހާރު ހުންނެވި ކުރީގެ ސަރުކާރުން އައްޔަން ކުރި އެމްބަސެޑަރުގެ އެއްވެސް ހައިސިއްޔަތެއް މިހާރު ނެތް ކަމަށެވެ.

އދގެ ތަރުޖަމާނު ސްޓެފަން ޑުރަޖިޗް ވިދާޅުވީ، އދގެ އާންމު މަޖިލީހުގެ ޖަލްސާގައި އަފްޣާނިސްތާނު ތަމްސީލު ކުރާނެ ވަފުދުގެ ލިސްޓު، އަފްޣާނިސްތާނުން އދއަށް ކަނޑައަޅާގައި މިވަގުތު ހުންނެވި އެމްބަސެޑަރ ޣުލާމް އީސާޒާއީ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށް މިމަހުގެ 15 ވަނަ ދުވަހު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ނަމަވެސް، އޭގެ ފަސްދުވަސް ފަހުން އަނެއްކާވެސް އަފްޣާނިސްތާނުގެ ފަރާތުން، ސެކްރެޓަރީ ޖެނެރަލްއަށް ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ސިޓީ އައީ "އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް" ގެ ފަރާތުން ކަމަށާއި، ސިޓީގައި ސޮއިކުރައްވާފައިވަނީ "މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަމީރު ޚާން މުއްތަގީ" ގެ ނަމުގައި ކަމަށްވެސް އދގެ ތަރުޖަމާނު ވިދާޅުވިއެވެ.

ސިޓީގައި އެދިވަޑައިގެންފައިވަނީ، އދގެ އާންމު މަޖިލީހުގައި އަފްޣާނިސްތާނު ތަމްސީލު ކުރެއްވުމަށް އޭނާ ވަޑައިގަތުމަށް ކަމަށްވެސް އދއިން ހާމަކޮށްފައި ވެއެވެ.

ސިޓީގައި މުއްތަގީ ވިދާޅުވެފައިވަނީ، އަފްޣާނިސްތާނުގެ ރައީސްކަމުން އަޝްރަފް ޣަނީ، އޮގަސްޓްމަހުގެ 15 ވަނަ ދުވަހު ބޭރުކޮށްލާފައިވާ ކަމަށާއި، އަޝްރަފް ޣަނީއަކީ އަފްޣާނިސްތާނުގެ ރައީސްކަމަށް ދުނިޔޭގެ އެއްވެސް ގައުމަކުން މިހާރު ގަބޫލު ނުކުރާ ކަމަށެވެ.

އެހެންކަމުން، އަފްޣާނިސްތާނުން އދއަށް ކުރިން ކަނޑައަޅާފައި ހުންނެވި އެމްބަސެޑަރ ޣުލާމް އީސާޒާއީ އަކީ މިހާރު އަފްޣާނިސްތާނު ތަމްސީލު ކުރައްވާ އެމްބަސެޑަރު ނޫން ކަމަށްވެސް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އޭގެ ބަދަލުގައި، ތާލިބާން ސަރުކާރުންވަނީ، އދގައި އަފްޣާނިސްތާނު ތަމްސީލު ކުރުމަށް އައު ދާއީމީ މަންދޫބެއް އައްޔަންކޮށް އެކަން އދއަށް އަންގާފައެވެ. އެގޮތުން، އަލަށް އައްޔަން ކުރި ބޭފުޅަކީ މުހަންމަދު ސުހައިލް ޝަހީމް ނަމަކަށްކިޔާ ބޭފުޅެއް ކަމަށް އދގެ ތަރުޖަމާނު ވިދާޅުވިއެވެ.

މުހަންމަދު ސުހައިލް ޝަހީމްއަކީ، ތާލިބާން ޖަމާއަތް ބައިވެރިގެން ގަތަރުގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކުގައި، ތާލިބާނުންގެ ތަރުޖަމާނެވެ.

ތާލިބާނުންގެ ހުށަހެޅުމާމެދު އދއިން އަދި ވަކިގޮތެއް ނުނިންމައެވެ.

އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އޮފީހާ މަޝްވަރާ ކުރުމަށްފަހު މިމައްސަލަ މިހާރު އދގެ ނުވަ މެމްބަރު ގައުމު ހިމެނޭ ކްރެޑެންޝަލްސް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި އެކަމަށް ގޮތެއް ނިންމަން ވަގުތު ނަގާނެ ކަމަށް ވެއެވެ.

މާނައަކީ، މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރުމުގެ ފުރުސަތު ތާލިބާނުންނަށް ނުލިބުން އެކަށީގެންވާކަމެވެ.