އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުން ފަރާތްތަކަށް ހާއްސަކޮށްގެން އާ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

އެލައިޑުގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޕެކޭޖު އިއުލާންކޮށްދެއްވީ އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި އަޔާދީ ތަކާފުލްގެ އެސިސްޓަންޓް މެނޭޖަރ ފަރީދާ ސިއްތިއެވެ.

"އަހަރެންގެ ހިޔާ"ގެ ނަމުގައި ތައާރަފުކޮށްފައިވާ މިޕެކޭޖުން ރައްކާތެރިކޮށްދެނީ ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ އެހެނިހެން އަގުބޮޑު ތަކެއްޗެވެ.

ޕެކޭޖުގައި 3 ބާވަތެއްގެ ޕްލޭނެއް ހިމެނޭއިރު، މިއިން ކޮންމެ ޕްލޭނަކުންވެސް ގޭތެރޭގައިވާ ތަކެއްޗަށް ގެއްލުން ލިބިދާނެ އެތަކެއް ހާލަތަށް ބަދަލު ހޯދައިދެއެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކާއި، ވައްކަން އަދި ގުދުރަތީ ކާރިސާތަކުން ގޭތެރޭގައިވާ ތަކެއްޗަށް ލިބޭ ގެއްލުމުގެ އިތުރުން އެހެނިހެން ހާލަތްތަކަށްވެސް "އަހަރެންގެ ހިޔާ"ގެ ޕްލޭންތަކުން ރައްކާތެރިކަން ފޯރުކޮށްދެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑް ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާން ވިދާޅުވީ އަޔާދީއިން މިޕްލޭން ތައްޔާރުކޮށްފައިވަނީ ހެޔޮ އަގެއްގައި ފަސޭހައިން ހޯދޭ ރައްކާތެރިކަމެއް އެކުލަވާލުމުގެ ނިޔަތުގައިކަމަށެވެ.

އެގޮތުން އަހަރަކަށް އެންމެ 200 ރުފިޔާ ދައްކާލައިގެން ނެގޭ "އަހަރެންގެ ހިޔާ"ގެ ބޭސިކް ޕްލޭނުން އެކަނިވެސް 150،000 ރުފިޔާއާއި ހަމަޔަށް ރައްކާތެރިކަން ޔަގީންކުރެވޭނެކަމަށް އޭނަ ވިދާޅުވިއެވެ. އެހެންކަމުން، ބޮޑު ހަރަދުކޮށްގެން ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތްތައް ނިންމުމަށްފަހު ފްލެޓަށް ވަންނައިރު، ކުރިމަތިވެދާނެ މާލީ ގެއްލުމަކުން ރައްކާތެރިވުމަށް މިފަދަ ރައްކާތެރިކަމެއް އޮތުން މުހިންމުކަމުގައި ފިރުޝާން ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަޔާދީ ތަކަފުލްގެ އެސިސްޓަންޓް މެނޭޖަރ ފަރީދާ ވަނީ "އަހަރެންގެ ހިޔާ" ޕެކޭޖްގެ ދަށުން އެމީހަކަށް ކަމުދާ ޕްލޭނެއް ނެގުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކަސްޓަމަރުންގެ ޖީބަށް ލުއި ވުމުގެ އިތުރުން މިޕްލޭން ނެގުމުގައިވެސް ފަސޭހަތަކެއް އެކުލަވާލުމަށްޓަކައި މިއީ އޮންލައިންކޮށް މައި އެލައިޑުން ނެގޭނެ ހިދުމަތެއްކަމުގައި ފަރީދާ ފާހަގަކުރެއްވިއެވެ.