ދިވެހިރާއްޖެއަކީ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް އިން އައިއެމްޓީއެމް 2021 ގައި ބައިވެރިވެއްޖެއެވެ.

މިފެއަރއަކީ މިމަހު 20 އިން 23 ވަނަ ދުވަހުގެ ނިޔަލަށް މެކްސިކޯގެ ރިވީރިޔާ މާޔާގައި ބޭއްވާ ފެއާއެކެވެ. މި ހާއްސަ ޕެއަރގައި ނޯތު އެމެރިކާގެ ޓްރެވަލް ޓްރޭޑްގެ އެންމެ މަގުބޫލު ފަރާތްތަކުން ބައިވެރިވާނެއެވެ. މި ފެއާ ގައި 153އަށްވުރެ ގިނަ ސިޓީއަށް ނިސްބަތްވާ މީހުނާއި 60 ވޯލްޑްވައިޑް އެގްޒިބިޓަރުން ބައިވެރިވާނެއެވެ.

ރާއްޖޭގެ ރީތި ނަން ދަމަހައްޓާ، ނޯތު އެމެރިކާގެ ޓްރެވެލް ޓްރޭޑާ ގުޅުންބަދަހިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރުމަށް މި ފެއާގަ ފުރުސަތު ލިބޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އަދި ނޯތު އެމެރިކާ މާކެޓުން ހާސިލްކުރެވިފަވާ މޮމެންޓަމް ދަމަހައްޓާ އެމާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަކީ އަމާޒުކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިފެއާގައި ބައިވެރިވުމަކީ ވިޒިޓް މޯލްޑިވްސްއިން އެމެރިކާ މާކެޓަށް ދިވެހިރާއްޖެ ފުޅާކޮށް އިޝްތިހާރުކޮށް އެކި ސެގްމެންޓުތަކުގެ ތަޖުރިބާތައް ދައްކުވާލާދޭ ސްޓްރެޓެޖީތަކުގެ ތެރެއިން ހިމެނޭ އެއް ހަރަކާތެވެ. މި މާކެޓަށް އިތުރު އެހެން ހަރަކާތްތައްވެސް ރޭވިފައިވެއެވެ.

މީގެ ތެރޭގައި ފެމް ޓްރިޕްތައް، ވޯތު މެގަޒިންއާ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިން، ފިޒިކަލް އަދި ވާޗުއަލް އިވެންޓްތަކުގެ ބައިވެރިވުން، އަދި ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިންތައް ހިމެނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އެމެރިކާގެ ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު މި މާކެޓުން 75،919 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު ދިވެހިރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީވެސް އެމެރިކާއިންނެވެ.

މިއަހަރުގެ 15ސެޕްޓެމްބަރުގެ ނިޔަލަށް 32,976 ފަތުރުވެރިން އެމެރިކާއިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މި މާކެޓަކީ މިއަހަރު ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މާކެޓެވެ.