ނަން ކަމުނުދާކަމަށް ބުނެ "ކަރިޝްމާ ޕާރޓީ މޯލްޑިވްސް" އުފެއްދުމުގެ ހުއްދައެއް ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، "ކަރިޝްމާ ޕާރޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި މ.ކެލަން، މުޙައްމަދު އިސްމާޢީލް ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާކަމަށެވެ.

ހުއްދަ ނުދިނުމަށް ނިންމި ސަބަބަކީ، ފޯމާއެކު އެފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަނުވާތީ އާއި އެ ފަރާތުން ހުށަހަޅާފައިވާ ނަމަކީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއްނޫންކަމަށް، 06 ޖަނަވަރީ 2019 ގައި އެކޮމިޝަނުން ނިންމާފައިވާތީކަމަށެވެ.

ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްގެން 10 ޕާޓީއެއް ހިންގާއިރު، އެއީ އެމްޑީޕީ، ޑީއާރުޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އެމްޑީއޭ، އެމްޓީޑީ، މޯލްޑިވްސް ލޭބަރ ޕާޓީ، ޕީއެންސީގެ އިތުރުން އެމްއާރްއެމްއެވެ.

މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓްރީކުރުމަށް 5000އަށް ވުރެ ގިން މެމްބަރުންނާއެކު މިމަހުގެ 15 ވަމަ ދުވަހު އީސީއަށް ހުށައަޅާފައިވެއެވެ.