ފިލްމު "ބޭޅިޔާ" އަދި "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިންގް ނިންމާލުމަށްފަހު އެކްޓަރު ވަރުން ދަވަން ދެން ތައްޔާރުވާނީ ކުރިއަށް އޮތް ފިލްމު "އެއްކީސް" ގެ ޝޫޓިންގ ފެށުމަށްކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑައިރެކްޓަރު އަމަރް ކޯޝިކްގެ ހޮރޯ ކޮމެޑީ "ބޭޅިޔާ" ގެ ޝޫޓިންގް މިހާރު ނިމި ފިލްމުވަނީ ރިލީޒްކުރުމުގެ މަރްހަލާގައެވެ.

އަދި ފިލްމު "ޖުގް ޖުގް ޖިއޯ"ގެ މިހާރު ޝޫޓްކުރަން ނުކުރެވިއޮތީ ފިލްމުގެ ފަހު ޝެޑިއުލްގައި ހިމެނޭ އިންޑިއާއިން ބޭރުގައި ޝޫޓްކުރަން ހަމަޖެހިފައިވާ މަންޒަރުތަކެކެވެ.

މިޝޫޓިންގް ޝެޑިއުލް ނިންމާލުމަށްފަހު ދާދި އަވަހަށް އޭނާ ތައްޔާރުވަނީ ފިލްމު "އެއްކީސް" ގައި ކުޅޭ ރޯލުގެ ކެރެކްޓަރއަށް ތައްޔާރުވުމަށެވެ.

އެކްޓަރު ވަރުންއަކީ އަބަދުވެސް ފިލްމުގައި ކުޅެން ލިބޭ ރޯލު ނުވަތަ ކެރެކްޓަރއަށް ވަރަށް ބޮޑަށް ތައްޔާރުވެ އެކަމަށް ހާއްސަ ތަމްރީނުތަކެއް ހަދާ ތަރިއެކެވެ.

ފިލްމު "އެއްކީސް" ގައި އޭނާ ފެނިގެންދާނީ އާމީ އޮފިސަރެއްގެ ރޯލުންނެވެ.

ފިލްމު "އެކް ހަސީނާ ތީ" އަދި "އަންދާދުން" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސްރީރާމް ޑައިރެކްޓްކޮށް ދިނޭޝް ވީޖާން ޕްރޮޑިއުސްކުރާ މިފިލްމަކީ، 1971 ވަނަ އަހަރު ހިނގި "އިންޑޯ-ޕާކިސްތާން" ހަނގުރާމާގައި ޝަހީދުވި ދެވަނަ ލެފްޓިނެންޓް އަރުން ކެތަރްޕަލްގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކުރާ ފިލްމެކެވެ.

އެހެންކަމުން މިއީ ވަރުންގެ ކެރިއަރުގައި އޭނާ ކުޅޭ ފުރަތަމަ ބައޯޕިކް ފިލްމަށްވެފައި ހާއްސަކޮށް އާމީ އޮފިސަރެއްގެ ރޯލް ކުޅެން ލިބުމަކީ އޭނާއަށް ލިބޭ ފަޚުރެއްކަމަށް ވަރުންވަނީ ބުނެފައެވެ.

ޚަބަރު ލިބޭގޮތުން ފިލްމުގައި ވަރުން ކުޅޭ ކެރެކްޓައަށް ތައްޔާރުވުމުގެ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހުތެރޭ ހާއްސަ ތަމްރީނުތަކެއް ފެށުމަށް މިހާރުވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ސިފައިންގެ މީހުންގެ ޝަހްސިއްޔަތު ދައްކުވައިދިނުމު ގެގޮތުން ހަށިގަނޑަށް ބަދަލު ގެނައުމާއެކު އެމީހުންގެ ވާހަކަ ދެއްކުމުގެ ބަހުރުވައާއި އާއްމުންނާ މުއާމަލާތު ކުރާގޮތް ނަކަލުކޮށް ދަސްކުރުން ހިމެނެއެވެ.

ފިލްމު "އެއްކީސް" އަށް ވަރުން ތައްޔާރުވާއިރު އޭނާވަނީ ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާގެ ފިލްމު "ސަންކީ" ކުޅެންވެސް ސޮއިކޮށްފައެވެ.

މީގެއިތުރުން އެމޭޒަން ޕްރައިމްއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ވެބް ސީރީޒްއެއްގެ މަސައްކަތަށްވެސް ވަރުންވަނީ ތައްޔާރުވެފައެވެ.

އެހެންކަމުން ބެލެވޭގޮތުގައި މިއަހަރުގެ ބާކިހުރި ދުވަސްތަކަކީ ވަރުން ވަރަށް އަވަދިނެތ ޝޫޓްތަކުގައި އުޅޭނެ ދުވަސްކޮޅެކެވެ.

ދާދި ފަހުން ޒަވާޖީ ހަޔާތެއް ފަށާފައިވާ އެކްޓަރު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އހަރު އެމޭޒަން ޕްރައިމްގައި ޕްރިމިއަރކުރި ފިލްމު "ކޫލީ ނަމްބަރު-1" އިންނެވެ.