ބަތަލާ ރަކުލް ޕްރީތް ސިންގްގެ ކުރިއަށް އޮތް ފިލްމު "ޑރ.ޖީ" އަކީ ކެރިއަރުގައި މިހާތަނަށް ކުޅެން ލިބުނު ފިލްމުތަކާ އަޅާ ބަލާއިރު ވަރަށް ޗެލެންޖިންގ ފިލްމެއްކަމަށް އޭނާ ބުނެފިއެވެ.

އެކްޓަރު އަޔުޝްމާންގެ އިތުރުން ކުޅަދާނަ ބަތަލާ ޝެފާލީ ޝާހް ފެނިގެންދާ މިފިލްމަކީ، އަނޫ ބައްޓީ ކަޝްޔަޕް ޑައިރެކްޓްކޮށް ޖަންގްލީ ޕިކްޗަރސްއިން އުފައްދާ ސޯޝަލް ކޮމެޑީ ޑްރާމާއެކެވެ.

ފިލްމުގެ ޓައިޓްލްއާ އެއްގޮތަށް ބަތަލާ ރަކުލްގެ އިތުރުން އަޔުޝްމާން އަދި ޝެފާލީ ޝާހްވެސް ފެނިގެންދާނީ ތަފާތު އެކި ދާއިރާތަކަށް ޚާއްސަ ޑޮކްޓަރުންގެ ރޯލްއިންނެވެ.

ބަތަލާ ރަކުލް ފިލްމުގައި ފެނިގެންދާނެގޮތުގެ ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުވެފައިވާއިރު އިންޑިއާގެ ނޫހަކަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، ފިލްމުގައި އޭނާ ކުޅޭ ރޯލަކީ އެހެން ރޯލްތަކާ އަޅާ ބަލާއިރު ތަންކޮޅެއް އުނދަގޫ ރޯލެއް ކަމަށެވެ. އެހެންނަމަވެސް މިއީ ވަރަށް ޝައުގުހުރި ތަޖްރިބާއެއް ކަމަށްވެސް 30އަހަރުގެ ބަތަލާވަނީ ބުނެފައެވެ.

ފިލްމުގެ ޝޫޓިންގްތެރެއިން ދިރިއުޅުމުގައި އޭނާއަށް ބޭނުން ހިފޭނެ ވަރަށް މުހިއްމު މައުލޫމާތުތަކެއް ދަސްވެފައިވާ ކަމަށްވެސް ބަތަލާވަނީ ބުނެފައެވެ.

ފިލްމުގައި އޭނާ ފެނިގެންދާ "ފާތިމާ" ގެ ނަމުން ނަން ދެވިފައިވާ ކެރެކްޓާއަކީ އަބަދުވެސް އުފަލާއެކު ހަނދާންކުރާނެ ހަނދާންތަކެއް ކަމަށް ރަކުލްވަނީ ބުނެފައެވެ.

އަދި ހަމައެއާއެކު ދުނިޔެ ތަހައްމަލު ކުރަމުންދާ ބަލިމަޑުކަމާއެކު ޑޮކްޓަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއާއި އެފަދަ ސިއްހީ މާހިރުންގެ އަގުވަޒަން ކުރުމަކީ ކިހާ މުހިއްމު ކަމެއްކަން އިހްސާސްވެގެންދިޔަ ކަމަށްވެސް ރަކުލްވަނީ ބުނެފައެވެ.

2009 ވަނަ އަހަރުން ފެށީގެން ތެލުގޫ ގިނަ ފިލްމުތަކެއް ކުޅެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ ރަކުލްއަކީ 2011ވަނަ އަހަރު އިންޑިއާގައި ބޭއްވި ފެމިނާ މިސް އިންޑިއާ މުބާރާތުގައި ފާހަގަކޮށްލެވޭ 5 ކެޓެގަރީއެއް ކާމިޔާބުކޮށްފައިވާ ފަންނާނެކެވެ.

ތެލުގޫ ސިނަމާއިންވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކުރުމަށްފަހު ރަކުލް ހިންދީ ސިނަމާއާ ގުޅުނީ 2014 ވަނަ އަހަރު ރިލީޒްވި ފިލްމު "ޔާރިޔާން" އިންނެވެ.

މިހާރުވެސް ތެލުގޫ ފިލްމުތަކުން މަދުން ނަމަވެސް ރަކުލް ފެނެއެވެ. އެހެންނަމަވެސް އޭނާގެ ފިލްމީ ކެރިއަރުގެ މައިގަޑު އަމާޒަކީ ތަފާތު ޗެލެންޖިންގ ރޯލްތައް ބޮލީވުޑް ފިލްމުތަކުން ހާސިލްކޮށް އާއްމުންނާ ހަމައަށް ގެނެސްދިނުމެވެ.

"ޑރ.ޖީ" ގެ އިތުރުންވެސް ރަކުލް އަތުގައި މިހާރުވެސް ބޮލީވުޑްގެ 3 ފިލްމެއް އެބައޮތެވެ. އޭގެތެރޭގައި އެކްޓަރު އަޖޭ ދޭވްގަންއާއެކު ކުޅެން ސޮއިކޮށްފައިވާ ފިލްމު "މެއި ޑެއި" އަދި "ތޭންކް ގޯޑް" ހިމެނެއެވެ.